ފެނަކައިގެ އެމްޑީ-
ފެނަކައިގެ އެމްޑީ-
ފެނަކަ ކޯޕަރޭޝަންގެ އޮފީސްތައް މާލެ ސަރަހައްދުގައި ހިންގުމަށްޓަކައި ކުލީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 16 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށާއި، މި ބޮޑު އިސްރާފު ހުއްޓުވޭނީ އެ ކުންފުނީގެ އަމިއްލަ ހެޑް އޮފީހެއް ބިނާކޮށްގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ، ކުންފުނި އުފެދުނީއްސުރެ މިހާތަނަށް މާލޭގައި އޮފީސް ހިންގަމުން އަންނަނީ އަމިއްލަ މީހުންގެ އިމާރާތްތައް ކުއްޔަށް ހިފައިގެން ކަމަށެވެ. މިގޮތުން ކުލީގެ ގޮތުގައި އެކަނިވެސް މަހަކު 1.2 މިލިއަނެއްހާ ރުފިޔާ ޚަރަދުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 15 ނުވަތަ 16 މިލިއަނެއްހާ ރުފިޔާ. މި ފައިސާއަކީ ކުންފުންޏަށް ސަލާމަތް ކުރެވޭނެ އެއްޗެއް. އެހެންކަމުން މި ޚަރަދު ހުއްޓުވުމަށްޓަކައި މާލެ ސަރަހައްދުގައި ހެޑް އޮފީހެއް ހުންނަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އަފީފު ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރެވުނު މަސައްކަތުން، ހުޅުމާލެއިން ހެޑް އޮފީސް އެޅުމަށް ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެ އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، އަމިއްލަ އިމާރާތެއް ލިބުމުން މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުންފުނީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތަކެތި ރައްކާކުރުމަށްޓަކައި ކޮންމެ ސަރަހައްދެއްގައި "މިނިމަމް ސްޓޮކެއް" ބެހެއްޓުމުގެ މުހިންމުކަން އަފީފު ފާހަގަކުރެއްވިއެވެ. އެގޮތުން އަލަށް ބިނާކުރާ ހެޑް އޮފީހުގެ ގްރައުންޑް ފްލޯ ޚާއްސަ ކުރާނީ ސްޓޮކް ބެލެހެއްޓުމަށް ކަމަށާއި، ތިލަފުށިން ބިމެއް ހޯދައި ވެއާހައުސެއް އެޅުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ފެނަކައަކީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާފައިވާ ކުންފުންޏެކެވެ. ޚާއްސަކޮށް ފާއިތުވި އަހަރުތަކުގައި އިންތިޚާބުތަކާ ދިމާކޮށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިހާރު 8،000 އެއްހާ މުވައްޒަފުން ތިބި އެ ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު