މާލޭސިޓީ ކައުންސިލްގެ ޖަލްސާ
މާލޭސިޓީ ކައުންސިލްގެ ޖަލްސާ
މާލޭގެ ހުސްބިންތަކުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމުގެ މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މިގޮތަށް ފާސްކުރީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް ޢާޒިމެވެ. މޭޔަރު ވިދާޅުވީ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ފަތްޕިލާވެލި ލިބުން ދަތިވުމުގެ ސަބަބުން އެ މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެހެންކަމުން، މާލޭގެ ސަހަރާތަކުގައި ހުންނަ ހުސް ތަންތަނާއި، މާލޭގެ އެހެނިހެން ހުސްބިންތަކުގައި މިފަދަ ގަސްގަހާގެހި އިންދުމަކީ މުހިންމު ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

ސަހަރާތަކުގެ ހުސް ޖާގަތަކުގައި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އިންދުމާ ގުޅޭގޮތުން ޢާޒިމް ވިދާޅުވީ، އެކަމުގައި ދީނީގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ބައެއް ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރުމުން އެނގިފައިވާ ކަމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ކައުންސިލަރުންގެ މެދުގައި އެކި ޚިޔާލުތައް ފާޅުކުރެވުނެވެ. އެގޮތުން ބައެއް ކައުންސިލަރުން ވަނީ މާލޭގެ ބިމުގެ ދަތިކަމަށް އަލިއަޅުއްވާލައްވައި، ރަށްރަށުން ގަސްގަހާގެހި ހައްދައިގެން މާލެއަށް ގެނައުމަށް ހުށައަޅުއްވާފައެވެ. އަދި ވަކި ބަޔަކަށް ބިން ދޫކުރުމުގެ ބަދަލުގައި، ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މި ގަސްތައް ހައްދައި، ބޭސްވެރިންނަށް ބޭނުންވާ މިންވަރަށް ފަތްޕިލާވެލި ދޫކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށްވެސް ބައެއް ކައުންސިލަރުން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ނިންމާލަމުން މޭޔަރު ޢާޒިމް ވަނީ، ކައުންސިލުން އިސްނަގައިގެން މިފަދަ ގަސްތައް ހައްދައި ބެލެހެއްޓުމަށާއި، ބޭސްވެރިންނާ މަޝްވަރާކޮށްގެން އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު