ޕެޓްރޯލް ޝެޑް-
ޕެޓްރޯލް ޝެޑް-
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް 240 މިލިއަން ޑޮލަރު (3.7 ބިލިއަން ރުފިޔާ) ދަޢުލަތުން ހޭދަކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 160 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ތެޔޮ އެތެރެކުރުމަށް ހޭދަކޮށްފައިވަނީ 161 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އެވެ. ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް ކުރި ހޭދަ މިހާ ބޮޑަށް އުފުލިގެންދިޔައީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ

ތެލުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑީސަލް އިމްޕޯޓު ކުރުމަށެވެ. އެގޮތުން ޑީސަލަށް 171 މިލިއަން ޑޮލަރު ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 47 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑީސަލަށް ހޭދަވީ 116 މިލިއަން ޑޮލަރެވެ.

ޕެޓްރޯލް އިމްޕޯޓަށް 48 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 22 މިލިއަން ޑޮލަރާ އަޅާބަލާއިރު 118 އިންސައްތައިގެ އިތުރުވުމެކެވެ. ޖެޓް ފިއުލް އެތެރެކުރުމަށް ހޭދަވީ 12 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށެވެ. މީގެ އިތުރުން ވިލާ އަދި ހޯކްސް ފަދަ އަމިއްލަ ކުންފުނިތަކުންވެސް ރާއްޖެއަށް ތެޔޮ އެތެރެކުރެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 25 ރުފިޔާ އާއި 30 ރުފިޔާއާއި ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.



ކިޔުންތެރިންގެ ހިޔާލު