ކާނިވާ ސްޓޭޖް
ކާނިވާ ސްޓޭޖް
މާލޭގެ އަލިމަސް ކާނިވަލުގެ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް އެޅުމަށް ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު މާލޭ ސިޓީ ކައުންސިލުން ހެދި އެއްބަސްވުން ބާތިލްކޮށްފިއެވެ. މި އެއްބަސްވުން ބާތިލްކުރަން ޖެހުނީ އެ މަސައްކަތް އެހެން ބަޔަކާ ކުރިން ހަވާލުކޮށްފައި އޮތްކަން ކައުންސިލަށް ފަހުން އެނގުމާ ގުޅިގެންނެވެ.

ކާނިވަލުގެ ސްޓޭޖް ވަރަށް ބޮޑަށް ހަލާކުވެ، ވައިގަދަވުމުގެ ސަބަބުން ޓިނުތައް ނެއްޓިފައި ހުރުމުން، އެތަން އަމިއްލަ ތަކެތީގައި އައު ކޮށްދޭނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން އިޢުލާން ކުރީ ޑިސެމްބަރު 2024 ގައެވެ. މި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޔޫއެޗް އިންވެސްޓްމަންޓާ މި މަޝްރޫޢު ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ މާރިޗު މަހުއެވެ.

ނަމަވެސް، މަސައްކަތް އަމަލީގޮތުން ނުފެށި އުޅެނިކޮށް، ކައުންސިލްގެ ކުރީގެ ލިޔެކިޔުންތަކުން ފެނިފައިވަނީ، އެ މަސައްކަތް ކުރިން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ، ކުރިން ކައުންސިލްގެ ޑޮކިއުމަންޓްތައް ބަލަހައްޓާފައި ހުރި ގޮތުން ފުރަތަމަ އެއްބަސްވުން ފެނުނީ ދެވަނަ އެއްބަސްވުން ހެދި ފަހުން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެކަން ކުރަނީ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އަދި އޭރުގެ ޑެޕިއުޓީ މޭޔަރަކު ސިޓީއެއް މެދުވެރިކޮށް މިކަމާ ގުޅޭ ބައެއް މުޢާމަލާތްތައް ހިންގާފައިވާތީ، އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

ޔޫއެޗް އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ބާތިލްކުރި ނަމަވެސް، މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުން ބާތިލްކޮށްފައިވާތީ، އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މާލޭ ސިޓީ ކައުންސިލުން ލިޔެކިޔުން ބަލަހައްޓާ ގޮތުގެ ސަބަބުން މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު، މީގެ ކުރިން މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގައި ވެސް މިފަދަ މައްސަލައެއް ވަނީ ކުރިމަތިވެފައެވެ.

އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން 2004 ވަނަ އަހަރު ސަރުކާރުން ހުޅުވި ތަނެކެވެ. މިހާރު އެތަނުގެ ސްޓޭޖް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ސިޔާސީ އެކި ހަރަކާތްތަކާއި މިއުޒިކް ޝޯތައް ބޭއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު