ރައީސް ނަޝީދު (މ)
ރައީސް ނަޝީދު (މ)
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީ ދޫކުރަށްވައި ދެން ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން މިއަދު ދެއްވައިފިއެވެ.

ށ. ކޮމަންޑޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ހުރިކަން ގަބޫލުފުޅު ކުރަށްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެމަނިކުފާނުގެ ހަޔާތުގެ ބައެއް ކަމަށާއި، ޕާޓީ ދޫކޮށްލުމަކީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ސިފަކުރެއްވީ އެމްޑީޕީއަކީ ހަމައެކަނި ސިޔާސީ ޕާޓީއެއް ނޫން ކަމަށާއި، އެއީ ވަކި ފިކުރަކާއި ވަކި ފަލްސަފާއެއް ކަމަށެވެ. އެ ފިކުރާއި ދުރުގައި ހުންނެވި ނަމަވެސް، އަބަދުވެސް ޕާޓީގެ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ހިތުގައި އޮތް "ރީނދޫ" ލޯބި ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރަށްވާ މީކާއިލް އަހުމަދު ނަސީމަށް ތާއީދުކުރާ ފަރާތްތަކުން، ރައީސް ނަޝީދު ކުރިން އެމްޑީޕީން ވަކިވެވަޑައިގެން ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރެއްވި މައްސަލައިގައި ދަނީ ފާޑުކިޔަމުންނެވެ.

މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށްފަހު، ރައީސް ނަޝީދު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އަދި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވަކިން ވާދަކޮށް 15،000 ވޯޓު ވަނީ ހޯދާފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ދެކެނީ އެ 15000 ވޯޓު ލިބުނުނަމަ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމަށެވެ.

އޭގެފަހުން މިދިޔަ އަހަރު ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، މިހާރު އެމަނިކުފާނުގެ އަމާޒު ހުރީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު