ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ހައްދެއް ހުދޫދެއް ނެތި ވަންނަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު މި ފާޑުކިޔުންތައް އަމާޒުކުރައްވާފައިވަނީ މިއަދު އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުން ފެންނަނީ ރައްޔިތުންނަށް އިގްތިސާދީ ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރާ މަންޒަރެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ހިޔާލު ތަފާތުވާ ކަންކަން މަނާކުރުމާއި، އެކި ކަންކަމަށް ހުރަސްއަޅައިގެން "ހެޑްލައިން" ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށް އަގު އުފުލުމާއި، ވޭޕް މަނާކުރުމުގެ ސަބަބުން އެ ތަކެތި ބްލެކް މާކެޓުގައި ވިއްކާ އެއްޗަކަށް މިހާރު ވަނީ ވެފައެވެ. މީގެ އިތުރުން ޝީޝާ މަނާކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ސްމާޓް ފޯން ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން ވަކާލާތު ކުރަމުންދާ ދިއުމަކީވެސް ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއް ހުދޫދެއް ނެތި. ދެން ހައްދަވާ ގޮތަކީ ލުއި ދެއްވާކަމަށް ދައްކަވާން، ކުރިން މަނާ ކުރެއްވި ކަންކަން ބަދަލު ކުރައްވަނީ،" ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ، ސިއްހީ ގޮތުން ނުރައްކާތެރި އެއްޗެއްގެ ގޮތުގައި ފާހަގަކޮށް ވޭޕް މަނާކުރުމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމައި އެކަން ތަންފީޒުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، މިއީ ރައްޔިތުންގެ އަމިއްލަ މިނިވަންކަމަށް ސަރުކާރުން އަރައިގަތުމުގެ އަމަލުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު