ހަކާން ސުކޫރު
ހަކާން ސުކޫރު
ކޮސޯވޯއާ ދެކޮޅަށް ކުޅުނު ޕްލޭ-އޮފް މެޗުގެ ފަހު ކަށިގަނޑުގެ އަޑާއެކު، ތުރުކީގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބިގެންދިޔައެވެ. މިއީ ފާއިތުވި 24 އަހަރުގެ ތެރޭގައި ތުރުކީން ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެގޮތުން 2026 ވަނަ އަހަރު އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުން ތުރުކީ ފެނިގެންދާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު މި ފުޓްބޯޅަ މުބާރާތުގައި ތުރުކީ ވާދަކުރާ މިއީ ތިންވަނަ ފަހަރެވެ. އެންމެ ފަހުން އެ ގައުމުން ވޯލްޑް ކަޕެއްގައި ކުޅުނީ 2002 ވަނަ އަހަރުއެވެ. ސެނޯލް ގުނޭޝްގެ އިރުޝާދުގެ ދަށުން އެ ފަހަރު ތުރުކީން ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ސެމީގައި ބްރެޒިލް އަތުން ބަލިވި ނަމަވެސް، ތިންވަނަ ހޮވި މެޗުގައި މުބާރާތް ބޭއްވި ދެ ގައުމުން ކުރެ އެއް ގައުމު ކަމަށްވާ ދެކުނު ކޮރެއާ ބަލިކޮށް ތުރުކީން ވަނީ ތިންވަނަ ހޯދާފައެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިންސެންޒޯ މޮންޓެލާ ވަނީ ތުރުކީގެ ކޯޗުކަމާ ހަވާލުވެފައެވެ. މިއީ ތުރުކީގެ ގައުމީ ޓީމާ ހަވާލުވި އިޓަލީއަށް ނިސްބަތްވާ ހަތަރުވަނަ ކޯޗެވެ. މޮންޓެލާގެ ކޯޗިންގ ކެރިއަރު ފެށީ 2009 ވަނަ އަހަރު ރޯމާގެ އެކަޑަމީންނެވެ. އޭގެ ދެ އަހަރު ފަހުން އޭނާ ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެފައެވެ. އޭސީ މިލާން، ފިއޮރެންޓީނާ އަދި ސެވިއްޔާ ފަދަ ބޮޑެތި ކްލަބުތަކަށް އިރުޝާދު ދިނުމަށްފަހު، އޭނާ ދެން ފެނުނީ ތުރުކީގެ އަދަނާ ދެމިރުސްޕޯރުންނެވެ. އެ ކްލަބުގައި އޭނާ ދެއްކި މޮޅު ހުނަރުގެ ސަބަބުން، ސްޓެފަން ކުންޓްޒްއަށްފަހު ތުރުކީގެ ގައުމީ ޓީމުގެ ކޯޗުކަން އޭނާއަށް ލިބުނެވެ. މޮންޓެލާއަކީ ސަޕޯޓަރުންގެ ބޮޑު އިހުތިރާމެއް ލިބިފައިވާ ކޯޗެކެވެ. އޭނާ ބުނާ ގޮތުގައި، އޭނާގެ އިހުސާސްތަކާއި ވިސްނުން ހުރީ ތުރުކީ މީހެއްގެ ފަދައިންނެވެ.

ވޯލްޑް ކަޕްގައި ތުރުކީގެ މެޗުތައް:

13 ޖޫން - އޮސްޓްރޭލިއާ އާއި ތުރުކީ (ވެންކޫވަރު)

19 ޖޫން - ތުރުކީ އާއި ޕެރަގުއޭ (ސެން ފްރެންސިސްކޯ)

25 ޖޫން - ތުރުކީ އާއި އެމެރިކާ (ލޮސް އެންޖެލިސް)

ކޮލިފައިންގ ގްރޫޕުގައި ތުރުކީން ދެވަނަ ހޯދީ ސްޕެއިންގެ ފަހަތުންނެވެ. ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވިއިރު، ހަމައެކަނި ބަލިވީ ސްޕެއިން އަތުން އަމިއްލަ ދަނޑުގައި 6-0 އިންނެވެ. ހަ މެޗުން 17 ލަނޑު ޖެހުމުން އެ ޓީމުގެ އެޓޭކިންގ ވަރުގަދަކަން ހާމަވި ނަމަވެސް، ބައިކޮޅަށް ވަން 12 ލަނޑުން ޓީމުގެ ޑިފެންސްގެ ބަލިކަށިކަން ފާހަގަވިއެވެ.

ނަމަވެސް، ޕްލޭ-އޮފް މެޗުތަކަށް މޮންޓެލާ ގެނައި ބަދަލުތަކާއެކު، ރޫމޭނިއާ އަދި ކޮސޯވޯގެ މައްޗަށް 1-0 އިން ކުރިހޯދައި ކޮލިފައިންގ ކާމިޔާބުކުރިއެވެ. ޓީމުގެ ޒުވާން ތަރިން ކަމަށްވާ އާދާ ގުލާ އަދި ކެނާން ޔިލްޑިޒްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް، ފެރްދީ ކަޑިއޮގްލޫ އަދި އޯކުން ކޮކްޗޫއަކީވެސް ޓީމުގެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތުރުކީގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުބާރާތެކެވެ. ފުރަތަމަ މެޗުގައި ބްރެޒިލް އަތުން 2-1 އިން ބަލިވެ، ދެވަނަ މެޗުގައި ކޮސްޓަރިކާއާ 1-1 އިން އެއްވަރުވުމުން ކަޓާފާނެ ކަމުގެ ބިރު އޮތެވެ. ނަމަވެސް، ފަހު މެޗުގައި ޗައިނާ އަތުން 3-0 އިން މޮޅުވެ ގަދަ 16 އަށް ދަތުރުކުރިއެވެ. ގަދަ 16 ގައި ޖަޕާން ބަލިކުރީ އުމިތު ދަވަލާ ޖެހި ލަނޑުންނެވެ.

ކުއާޓާ ފައިނަލުގައި ސެނެގޯލްއާ ދެކޮޅަށް ކުޅުނު މެޗު ވަރަށް ފޯރިގަދަވިއެވެ. އެ މެޗުގެ ހަމައެކަނި ލަނޑު (ގޯލްޑަން ގޯލް) އިތުރު ވަގުތުގެ ކުރީކޮޅު ޖަހައިދިނީ އިލްހާން މަންސިޒްއެވެ. ސެމީ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް މޮޅަށް ކުޅުނު ނަމަވެސް، ރޮނާލްޑޯ ޖެހި ލަނޑާއެކު ތުރުކީ ބަލިވީއެވެ. ތިންވަނަ ހޮވި މެޗުގައި ހަކާން ސުކޫރު ވަނީ ފުރަތަމަ މިނެޓުގައި ލަނޑު ޖަހާފައެވެ. އެ މެޗުން ތުރުކީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

1950 ވަނަ އަހަރުވެސް ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. ނަމަވެސް އެ ފަހަރު މުބާރާތުން ވަކިވީއެވެ. 1954 ގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ކުޅުނުއިރު، އެ ފަހަރު ކޮލިފައިވީ ނަސީބު އެހީތެރިވެގެންނެވެ. ސްޕެއިންއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ޕްލޭ-އޮފް މެޗުންވެސް ނަތީޖާއެއް ނުނެރެވުމުން، ގުރުއަތުލައިގެން ހޮވުނީ ތުރުކީއެވެ. އެ ފަހަރު ކޮރެއާ އަތުން 7-0 އިން މޮޅުވި ނަމަވެސް، ވެސްޓް ޖާމަނީ އަތުން ބަލިވެ މުބާރާތުން ކެޓީއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ތުރުކީގެ ގައުމީ ޓީމަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވަނީ ސުއާތު މަމާތު، ބުރުހާން ސަރްގުން އަދި އިލްހާން މަންސިޒްއެވެ. ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ޖަހާފައެވެ. އަދި 2002 ވަނަ އަހަރުގެ މުބާރާތުގައި ހަތް މެޗު ކުޅުނު ކުޅުންތެރިންނަކީ އެ ގައުމަށް އެންމެ ގިނަ ވޯލްޑް ކަޕް މެޗު ކުޅެދިން ކުޅުންތެރިންނެވެ.

2002 ވަނަ އަހަރުގެ ތިންވަނަ ހޮވި މެޗުގައި ހަކާން ސުކޫރު ޖެހި ލަނޑަކީ މިއަދާ ހަމައަށްވެސް ވޯލްޑް ކަޕް ތާރީޚުގައި ޖެހި އެންމެ އަވަސް ލަނޑެވެ. އެ ލަނޑު އޭނާ ޖެހީ މެޗު ފަށައިގެން އެންމެ 11 ސިކުންތުގެ ތެރޭގައެވެ.

1954 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މުބާރާތެކެވެ. އެ މުބާރާތުގައި ތުރުކީން ދެކުނު ކޮރެއާގެ މައްޗަށް 7-0 އިން ހޯދި ކާމިޔާބީއަކީ އެ ގައުމުގެ ތާރީޚީ މޮޅެކެވެ. އެ މެޗުގައި ބުރުހާން ސަރްގުން ހެޓްރިކެއް ހެދިއިރު، ސުއާތު މަމާތު ދެ ލަނޑު ޖެހިއެވެ.



ކިޔުންތެރިންގެ ހިޔާލު