ނެލްސަން ކުއޭވާސް
ނެލްސަން ކުއޭވާސް
ފީފާ ވޯލްޑް ކަޕްގެ ފަހުގެ ތިން މުބާރާތެއްގައި ޕެރަގުއޭގެ ގައުމީ ސަލާމުގެ އަޑު ދަނޑުތަކުން ނީވުނު ނަމަވެސް، 2026 ވަނަ އަހަރު އަލުން އެ އަޑު އިވިގެންދާނެއެވެ. އެ ގައުމުގެ ފުޓުބޯޅަ ތާރީޚުގައި އާ ސަފުހާއެއް ލިޔުމުގެ އަޒުމުގައި ތިބި އުންމީދީ ކުޅުންތެރިންތަކަކާއެކު، ޕެރަގުއޭގެ ސަޕޯޓަރުންނަށް 2026 ގެ ވޯލްޑް ކަޕްގެ ފޯރި ވަރަށް އަވަހަށް ތަޖުރިބާކުރެވޭނެއެވެ.

ޕެރަގުއޭ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕޭން އަތުން ބަލިވެ ކެޓީ، މެޗުގެ ފަހުކޮޅު ޑޭވިޑް ވިޔާ ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް، މިފަހަރު ދުނިޔޭގެ އެންމެ މޮޅު ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ހުވަފެން ހަގީގަތަކަށް ވެގެންދާނީ އުތުރު އެމެރިކާގެ ފަސްގަނޑުގައެވެ.

2024 ވަނަ އަހަރުގެ އޯގަސްޓް މަހު ޕެރަގުއޭ ޓީމާ ހަވާލުވިއިރު، އާޖެންޓީނާގެ ކޯޗު ގުސްޓާވޯ އަލްފާރޯއަށް ކުރިމަތިލާން ޖެހުނީ ބޮޑު ގޮންޖެހުމަކާއެވެ. އޭރު ޓީމަށް ލިބިފައިވަނީ ކޮލިފައިންގެ 18 ޕޮއިންޓުގެ ތެރެއިން އެންމެ 5 ޕޮއިންޓެވެ. މަގާމާ ހަވާލުވަމުން އޭނާ ބުނެފައިވަނީ، ޕެރަގުއޭއަކީ އެއްވެސް ޓީމަކުން ބައްދަލުކުރަން ބޭނުންނުވާނެ ފަދަ، ހިތްވަރުގަދަ އަދި ދޫނުދޭނެ ޓީމަކަށް ހަދަން ބޭނުންވާ ކަމަށެވެ.

އަލްފާރޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި އުރުގުއޭއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ކޮލިފައިންގެ 12 މެޗުގެ ތެރެއިން އެ ޓީމު ބަލިވީ ހަމައެކަނި ބްރެޒިލް އަތުން 1-0 އިންނެވެ. މުބާރާތަށް ކޮލިފައިވުމުން އުފާކުރާ ހާލު، ކޯޗު ބުނެފައިވަނީ އޭނާގެ އަމާޒަކީ ހަމައެކަނި ބައިވެރިވުން ނޫން ކަމަށާއި، ދަނޑުމަތީގައި ހަނގުރާމަކޮށް ވީހާވެސް ދުރަށް ދަތުރުކުރުން ކަމަށެވެ. 1992 އިން ފެށިގެން ގިނަ ކްލަބްތަކަކަށާއި އިކުއެޑޯ އަދި ކޮސްޓަރިކާގެ ގައުމީ ޓީމަށް އިރުޝާދު ދީފައިވާ އަލްފާރޯ، އެއް އަހަރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ޕެރަގުއޭގެ ފުޓުބޯޅަ އާ އުސްމިނަކަށް ގެންގޮސްދީފިއެވެ.

ވޯލްޑް ކަޕްގައި ޕެރަގުއޭ ކުޅޭ މެޗުތައް:

12 ޖޫން: އެމެރިކާ - ޕެރަގުއޭ (ލޮސް އެންޖެލިސް ސްޓޭޑިއަމް)

19 ޖޫން: ތުރުކީ - ޕެރަގުއޭ (ސަން ފްރެންސިސްކޯ ބޭ އޭރިއާ)

25 ޖޫން: ޕެރަގުއޭ - އޮސްޓްރޭލިއާ (ސަން ފްރެންސިސްކޯ ބޭ އޭރިއާ)

2026 ގެ ވޯލްޑް ކަޕްގެ އާ ފޯމެޓުގެ ދަށުން ދެކުނު އެމެރިކާ ސަރަހައްދުން ހަ ޓީމަކަށް ސީދާ ޖާގަ ލިބޭއިރު، ޕެރަގުއޭ މުބާރާތަށް ހޮވުނީ ހަވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމުން ވަނީ ބްރެޒިލް އަދި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކުގެ މައްޗަށް ކުރިހޯދާފައެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެރަގުއޭ ވަނީ ގްރޫޕް އެފްގެ އެއްވަނަ ހޯދާފައެވެ. ގަދަ 16 ގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރިއިރު، އެއީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރި ފަހަރެވެ. ކުއާޓާގައި ސްޕޭނާ ދެކޮޅަށް ކުޅުނު މެޗުގައި ޕެރަގުއޭއަށް ލިބުނު ޕެނަލްޓީ ކާމިޔާބުނުވުމާއި، މެޗުގެ ފަހުކޮޅު ވިޔާ ޖެހި ލަނޑާއެކު އެ ޓީމުގެ ދަތުރު ނިމުމަކަށް އައީ ހިތްދަތި ގޮތަކަށެވެ.

ޕެރަގުއޭއަކީ 1930 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ވޯލްޑް ކަޕްގައިވެސް ވާދަކުރި ޓީމެކެވެ. އެ ގައުމުގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ 3 ލަނޑު ކާމިޔާބުކުރި ނެލްސަން ކުއޭވާސްއެވެ. އަދި އެންމެ ގިނަ މެޗު ކުޅެފައިވަނީ 12 މެޗާއެކު ޑެނިސް ކަނީޒާ އާއި ރޯކޭ ސަންޓާ ކްރޫޒްއެވެ.

މީގެ އިތުރުން 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕަކީވެސް ޕެރަގުއޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކާމިޔާބު މުބާރާތްތަކެކެވެ. ޚާއްސަކޮށް 1998 ގައި ފްރާންސް އަތުން ބަލިވީ އިތުރު ވަގުތުގެ ތެރޭގައި ޖެހި "ގޯލްޑަން ގޯލް" އިންނެވެ.

ޕެރަގުއޭގެ ވޯލްޑް ކަޕް ތާރީޚުގައި މިހާތަނަށް ހޯދި ހަތް މޮޅުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2002 ގައި ސްލޮވީނިއާ އަތުން 3-1 އިން ހޯދި މޮޅާއި، 2010 ގައި ސްލޮވާކިއާ އަތުން 2-0 އިން ހޯދި މޮޅެވެ. މި ކާމިޔާބީތަކާއެކު، 2026 ގެ މުބާރާތަށް ޕެރަގުއޭ ނުކުންނަނީ އައު އުންމީދުތަކަކާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު