އޮސްޓްރޭލިއާގެ ފުޓްބޯޅަ ލެޖެންޑް ޓިމް ކާހިލް
އޮސްޓްރޭލިއާގެ ފުޓްބޯޅަ ލެޖެންޑް ޓިމް ކާހިލް
އޮސްޓްރޭލިއާއިން 1974 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށްފަހު، 32 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އެ މުބާރާތަށް އެނބުރި އައީ 2006 ވަނަ އަހަރު ޖަރުމަނުވިލާތުގައެވެ. އޭގެ ފަހުން މެދުނުކެނޑި ކޮންމެ މުބާރާތަކަށް އެ ޤައުމުން ކޮލިފައިވަމުން އަންނައިރު، އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަކީ "ސޮކަރޫސް" ޖެހިޖެހިގެން ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތާއެކު، ދެ ފަހަރެއްގެ މަތިން ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައިވާ އޮސްޓްރޭލިއާ ޓީމު، މިހާރުގެ ކޯޗު ޓޯނީ ޕޮޕޮވިޗްގެ އިރުޝާދުގެ ދަށުން ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ މުބާރާތުގައި އައު އުސްމިންތަކަކަށް ދިއުމަށް އުންމީދުކުރެއެވެ.

އޮސްޓްރޭލިއާގެ ޤައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޕޮޕޮވިޗަކީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އެ ޤައުމު ދަތުރުކުރިއިރު ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ކުޅުން ހުއްޓާލިތާ ދެ އަހަރު ފަހުން އޭނާ ކޯޗިންގ ދާއިރާއަށް ނުކުމެ، އެކި ކްލަބުތަކުގައި ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު ގްރަހަމް އާނޯލްޑް މަގާމުން ވަކިވުމާ ގުޅިގެން ޤައުމީ ޓީމާ ހަވާލުވި ޕޮޕޮވިޗް، ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މަރުހަލާތައް ކާމިޔާބީއާއެކު ނިންމާލާފައެވެ. މިއާއެކު އޭނާ ވެގެންދާނީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ބައިވެރިވި މަދު ބޭފުޅުންގެ ތެރެއިން އެކަކަށެވެ.

ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ކުޅޭ މެޗުތަކާއި ގްރޫޕް

13 ޖޫން: އޮސްޓްރޭލިއާ - ތުރުކީ (ބީސީ ޕްލޭސް، ވެންކޫވަރ)

19 ޖޫން: އެމެރިކާ - އޮސްޓްރޭލިއާ (ސީއެޓްލް ސްޓޭޑިއަމް)

25 ޖޫން: ޕެރަގުއޭ - އޮސްޓްރޭލިއާ (ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް)

އޮސްޓްރޭލިއާ އޭޝިއާ ސަރަޙައްދުގެ ކޮލިފައިންގެ ދެވަނަ ބުރު ކާމިޔާބުކުރީ ކުޅުނު ހަ މެޗުންވެސް މޮޅުވެ، ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަނުދީ ފަސޭހަކަމާއެކުގައެވެ. ނަމަވެސް، ތިންވަނަ ބުރުގެ ފެށުން ދިޔައީ އުނދަގޫކޮށެވެ. ސެޕްޓެމްބަރު 5، 2024 ގައި އަމިއްލަ ދަނޑުގައި ބަހްރޭން އަތުން 1-0 އިން ބަލިވިއެވެ. އޭގެ ފަސް ދުވަސް ފަހުން އިންޑޮނޭޝިއާއާ ކުޅުނު މެޗު އެއްވަރުވުމުން ކޯޗު އާނޯލްޑް މަގާމުން ވަކިވިއެވެ. އެއަށްފަހު ޓީމާ ހަވާލުވި ޕޮޕޮވިޗްގެ އިރުޝާދުގެ ދަށުން ޗައިނާ އަތުން މޮޅުވެ، ޖަޕާނާ އެއްވަރުކުރިއެވެ.

އޭގެ ފަހުން ބަލިނުވެ ކުރިއަށްގޮސް، 5 ޖޫން 2025 ގައި ޕާތުގައި ޖަޕާން އަތުން 1-0 އިން މޮޅުވުމާއެކު ކޮލިފައިވުމާ ވަރަށް ގާތަށް ދިޔައެވެ. އަދި އޭގެ ފަސް ދުވަސް ފަހުން ޖިއްދާގައި ސައުދީ އަރަބިއްޔާ އަތުން 2-1 އިން މޮޅުވެ، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރިއެވެ. މި މެޗުގެ ލަނޑުތައް ޖަހައިދިނީ ކޮނާ މެޓްކާފް އަދި މިޗް ޑޫކްއެވެ.

އޮސްޓްރޭލިއާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިންގައި ބައިވެރިވީ 1956 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ކުއާޓާ ފައިނަލަށް ދިޔަތާ ގާތްގަނޑަކަށް ދިހަ އަހަރު ފަހުންނެވެ. ކެމްބޯޑިއާގައި އުތުރު ކޮރެއާ އަތުން 6-1 އިން ބަލިވުމަކީ ހިތްދަތި ފެށުމަކަށް ވިޔަސް، އޭގެ އަށް އަހަރު ފަހުން ހޮންކޮންގްގައި ދެކުނު ކޮރެއާ 1-0 އިން ބަލިކޮށް 1974 ގެ ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އެ މުބާރާތުގައި އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނު އަތުން ބަލިވި ނަމަވެސް، ޗިލީއާ އެއްވަރުކޮށް ގިނަ ބައެއްގެ ތައުރީފު ހޯދިއެވެ.

އޮސްޓްރޭލިއާއިން ވަނީ ދެ ފަހަރެއްގެ މަތިން ގްރޫޕް ސްޓޭޖް ފަހަނައަޅައި ގޮސްފައެވެ. ފުރަތަމަ ފަހަރަކީ ބްރެޒިލް، ކްރޮއޭޝިއާ އަދި ޖަޕާން ހިމެނުނު ގްރޫޕުން ކުރިހޯދި 2006 ވަނަ އަހަރެވެ. ހެރީ ކިއުއެލް، ޓިމް ކާހިލް އަދި މާކް ޝްވާޒާ ފަދަ މޮޅު ކުޅުންތެރިން ހިމެނުނު އެ ޓީމު ކެޓީ ގަދަ 16 ގައި އިޓަލީގެ ފްރެންޗެސްކޯ ޓޮޓީ 95 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއަކުންނެވެ.

އޭގެ 16 އަހަރު ފަހުން ގަތަރުގައި އޮސްޓްރޭލިއާއިން ވަނީ މި ނަތީޖާ ތަކުރާރުކޮށްފައެވެ. ޓިއުނީޝިއާ އަދި ޑެންމާކް އަތުން 1-0 އިން މޮޅުވެ، ފްރާންސަށްފަހު ގްރޫޕްގެ ދެވަނަ ހޯދިއެވެ. ނަމަވެސް ގަދަ 16 ގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުން 2-1 އިން ބަލިވީއެވެ. އެ މެޗުގައި އާޖެންޓީނާގެ ލަނޑުތައް ޖެހީ ލިއޮނަލް މެސީ އާއި ހޫލިއަން އަލްވަރޭޒްއެވެ. 2022 ވަނަ އަހަރުގެ މުބާރާތަކީ އޮސްޓްރޭލިއާއިން އެއް މުބާރާތެއްގައި ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ފުރަތަމަ މެޗުގައި ފްރާންސް އަތުން 4-1 އިން ބަލިވި ނަމަވެސް، ޖެހިގެން އައި ދެ މެޗުން މޮޅުވެ ދެވަނަ ބުރަށް ދަތުރުކުރިއެވެ.

އޮސްޓްރޭލިއާގެ ފުޓްބޯޅަ ލެޖެންޑް ޓިމް ކާހިލްއަކީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގައި (2006، 2010، 2014) ލަނޑު ޖެހި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ޖުމްލަ 5 ލަނޑު ވޯލްޑް ކަޕްގައި ޖަހާފައެވެ. އޭނާގެ ފުރަތަމަ ލަނޑުތައް ފެނުނީ 2006 ވަނަ އަހަރު ޖަޕާން އަތުން 3-1 އިން މޮޅުވި މެޗުގައެވެ. 2014 ވަނަ އަހަރު ނެދަލޭންޑްސްއާ ދެކޮޅަށް އޭނާ ޖެހި ވޮލީ ލަނޑަކީ މުބާރާތުގެ އެންމެ މޮޅު ލަނޑުތަކުގެ ތެރޭގައި ހިމެނޭ ލަނޑެކެވެ.

މެތިއު ރަޔަން އަދި މެތިއު ލެކީ އަކީ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއަށް އެންމެ ގިނަ މެޗު (ކޮންމެ ކުޅުންތެރިއަކު 10 މެޗު) ކުޅެދީފައިވާ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންވެސް އަދިވެސް ކުޅުމުގެ ތެރޭގައި ތިބުމާއެކު، 2026 ގެ މުބާރާތުގައި މި އަދަދު އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

އޮސްޓްރޭލިއާއިން ވޯލްޑް ކަޕްގައި ކުޅުނު 20 މެޗުގެ ތެރެއިން މޮޅުވީ އެންމެ 4 މެޗުންނެވެ. އޭގެ ތެރެއިންވެސް 2006 ވަނަ އަހަރު ޖަޕާން އަތުން ވީ މޮޅަކީ ފާހަގަކޮށްލެވޭ މޮޅެކެވެ. އެ މެޗުގެ 84 ވަނަ މިނެޓާ ހަމައަށް ޖަޕާން ކުރީގައި އޮއްވާ، ޓިމް ކާހިލް އާއި ޖޯން އަލޮއީސީ ޖެހި ލަނޑުތަކުން އޮސްޓްރޭލިއާ މޮޅުވީ 3-1 އިންނެވެ. މިއީ އެ ޤައުމުން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ އަދި އެންމެ ތަފާތު ބޮޑު މޮޅެވެ.

އޮސްޓްރޭލިއާ 2006 ގެ ވޯލްޑް ކަޕަށް ކޮލިފައިވީ އޯޝޭނިއާ ސަރަޙައްދުން ކަމަށްވިޔަސް، މުބާރާތް ފެށުނުއިރު އެ ޤައުމު ވަނީ އޭޝިއާ ސަރަޙައްދާ ގުޅިފައެވެ. އެއަށްފަހު ފާއިތުވި ވިހި އަހަރު ތެރޭގައި އޭޝިއާގައި އޮސްޓްރޭލިއާގެ އެންމެ ބޮޑު ވާދަވެރިއަކަށް ވެފައިވަނީ ޖަޕާނެވެ.



ކިޔުންތެރިންގެ ހިޔާލު