ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ސަރުކާރުން ދުންފަތުގެ ސިޔާސަތަށް ކުއްލި ބަދަލެއް ގެނެސް، ދުންފަތުން ނަގާ ޓެކްސް ދަށްކުރުމަށް ނިންމި ނިންމުމަކީ އަންނަ ހަފުތާގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ލަފާގެ މަތިން ކަމަށް ބުނެ، ދުންފަތުން ނަގާ ޓެކްސް %8 އިން %4 އަށް ދަށްކުރަން ސަރުކާރުން ނިންމި ނިންމުމަކީ ގިނަ ބަޔަކު ހައިރާންކުރުވި ކަމެއް ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިތާ އެންމެ 20 ދުވަސް ފަހުންކަން ވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މި ސިޔާސަތު ތަންފީޒުކުރުމުގައި ހޯމް މިނިސްޓަރު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ބަދަލު މި އައީ އަންނަ ހަފުތާގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މުހިންމު ބައި-އިލެކްޝަނާ ދިމާކޮށް ކަމަށްވާތީ، މިއީ ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ.

"އައްޑޫއަކީ ހޯމް މިނިސްޓަރުގެ ދާއިރާއަށް ވެފައި، ފަހަކަށް އައިސް އެ ދާއިރާގެ އިންތިޚާބުތަކުން އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާތީ، ދުންފަތުގެ ސިޔާސަތަށް ކުއްލިއަކަށް މިގެނައި ބަދަލަކީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއްތޯ ސުވާލު އުފެދޭ،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލު ގެންނަން ނިންމި ސަބަބާ ގުޅޭގޮތުން ޑަބްލިއު.އެޗް.އޯ މޯލްޑިވްސް އިން ނުވަތަ ރައީސް އޮފީހުން ސާފު ތަފްސީލެއް ދެއްވުމަށް ވެސް ޖަމީލް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން އާންމުންގެ މެދުގައި ވެސް މިހާރު ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ. އަދި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަން އުޅެނީ ކޮންމެހެން ކުރަންޖެހޭ "ޒަރޫރީ" ބަދަލެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނައުމާ މެދު ގޮތެއް ނިންމަވާނީ ހުރިހާ ކަމަކަށް ވަރަށް ފުންކޮށް ވިސްނެވުމަށްފަހު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު