ރޭގަނޑު ދަންވަރު، މަސް ކޮށާ ބޮޑު ވަޅިއަކުން އަނބިމީހާއާއި ހަތަރު ދަރިން ޤަތުލުކޮށް، އެމީހުންގެ ހަށިތައް ތުތިމަހަށް ކޮށައިލިއެވެ. ދެން އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަށް އޭނާ ދިޔައެވެ. އަދި އޭނާ ހިންގި އެ ނުބައި ޖަރީމާ، ތަފުޞީލުކޮށް ފުލުހުންނަށް ކިޔައިދިނެވެ. އޭރު ފުލުހުން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ! އޭނާ އެ ދައްކަނީ ތެދު ވާހަކައެއްކަން ޤަބޫލުކުރަން ދަތިކަމުންނެވެ. ޖަރީމާ ހިންގުމުގެ ޚިޔާލީ ވާހަކައެއްގައި ވެސް، ބައްޕައަކު އޭނާގެ ކުޑަކުޑަ ހަތަރު ދަރިންނާއި އެކުދިންގެ މަންމަ، އެހައި އަނިޔާވެރި ގޮތެއްގައި މަރާލާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.

ކޮންމެއަކަސް ޝިއްރީރު (އަޞްލު ނަމެއް ނޫން) ކިޔައިދިން ވާހަކަތައް އަޑުއެހުމަށްފަހު، ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި އޭނާގެ ގެޔަށް ގޮސް، އޭނާ ކިޔައިދިން ޖަރީމާގެ ހާދިސާ ހިނގާފައިވޭތޯ ބެލިއެވެ. ފުލުހުންނަށް ފެނުނީ، ލޭ ކޯރުތައް ދެމިފައިވާ ގެއެކެވެ. ގޭތެރޭގެ އެތަންމިތާނގައި ވަނީ، ކޮށާފައިވާ މިނިމަސްތަކާއި، ބުރިބުރިކޮށްފައިވާ އިންސާނުންގެ ގުނަވަންތަކެވެ. ފަސް މީހުން މަރާލައި، އެމީހުންގެ ހަށިތަށް ކުދިކޮށް ކޮށައިލިއިރު، އަވަށްޓެރިންނަށް އެކަމުގެ ހިލަމެއް ނުވި ކަމީ، ސުވާލުތައް އުފެދި، ޙައިރާންކަން އިތުރުކުރުވި ކަމެކެވެ.

ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލައި، އަވަށްޓެރިންނާ ކުރަންޖެހޭ ސުވާލުތައްކޮށް، މައްސަލަ ތަޙުޤީކުރަން ފެށިއެވެ. އެ ރޭ ހޭލާއުޅުނު އަވަށްޓެރިޔަކު ބުނި ގޮތުގައި، އެ ރޭ، ޝިއްރީރުގެ ގެއަށް އޭނާ ފިޔަވައި އެހެން މީހަކު ވަދެއުޅުނު ތަނެއް ނުފެނެއެވެ. އަދި އޭނާ ފިޔަވައި އެހެން މީހަކު އެ ގެއިން އެރޭ ދަންވަރު ނިކުތްތަނެއް ވެސް ފެނިފައެއް ނުވެއެވެ. އެ ރޭ ހޭލާ އުޅުނު އަވަށްޓެރިން ބުނީ، ޖަރީމާއެއް ހިނގިކަމުގެ އެއްވެސް އަޑެއްބަޑެއް އެމީހުންނަށް އިވިފައިނުވާ ކަމަށެވެ. ފުލުހުން ކުރި ތަޙުޤީޤުން އެނގުނު ގޮތުގައި، ޖަރީމާ ހިންގި މުޖުރިމަކީ، ޝިއްރީރެވެ. އެހެން މީހެއްގެ އަތެއް އެކަމުގައި ނުވެއެވެ.

ނަމަވެސް، ފަހުން ޝިއްރީރު ބުނީ، އޭނާގެ އަނބިދަރީން ޤަތުލުކޮށް އެމީހުންގެ ހަށިތައް ކުދިކޮށް ކޮށީ، އޭނާގެ ކުރިމަތީގައި އަވަށްޓެރިން ކަމަށެވެ. އޭރު އެމީހުން ވަނީ، ގަދަކަމުން އޭނާއަށް މަސްތުވާތަކެދީ، މަސްތުކުރުވާފައި ކަމަށާއި، އަދި އެމީހުން ވަނީ އޭނާ ބަނދެ ހައްޔަރުކޮށްފައި ކަމަށެވެ. ފުލުހުންގެ މަރުކަޒަށް ގޮސް ޖަރީމާ ހިންގީ އޭނާ ކަމަށް ބުނެ އަމިއްލައަށް އިޢުތިރާފުވެވުނީ، މަސްތުވެފައި ހުރުމުންނާއި، އޭނާއަށް ފެނުނު ބިރުވެރި މަންޒަރުގެ ސަބަބުން ބުއްދި ގޯސްވެފައިވާތީ ކަމަށެވެ!

ޝިއްރީރާބެހޭ ގޮތުން ފުލުހުން ހޯދިހޯދުންތަކުން އެނގުނު ގޮތުގައި، އޭނާއަކީ، އަވަށްޓެރިންގެ އިޙުތިރާމު ލިބިފައިވާ މަޤުބޫލު މީހެއް ކަމުގައި ވިއެވެ. ދިރިއުޅުމަށްޓަކައި އޭނާ ކުރި މަސައްކަތަކީ ކުކުޅުގެ ވިޔަފާރިއެވެ. އެ ވިޔަފާރި ފުޅާކޮށް، އެ ވިޔަފާރީގައި އަވަށްޓެރިން ބައިވެރިކުރުމަށްޓަކައި، އެމީހުންގެ އަތުން އޭނާ ވަނީ، ގިނަ ޢަދަދެއްގެ ފައިސާ އަތުލާފައެވެ. ނަމަވެސް އެ ވިޔަފާރި ބަނގުރޫޓުވެ، އޭނާ ދަރަނިވެރިވިއެވެ. އެކަމުގެ ސަބަބުން، އަވަށްޓެރިންގެ ހިތުގައި އޭނާގެ މައްޗަށް ނަފުރަތު އުފެދުނަ ނުދޭން މަސައްކަތްކުރިއެވެ. އޭނާ އަވަށްޓެރިންނަށް ދޭން ބުނެފައިވާ ފައިސާތައް ދިނުމަށްޓަކައި، އެކިއެކި ފަރާތްތަކުން ލޯނު ނަގައިގެން އެކަން ކުރަމުން ގެންދިޔައެވެ.

އެ ގޮތުގައި ދުވަސްތަކެއް ފާއިތުވެގެންދިޔައިރު، އޭނާގެ ދަރަނިތައް ވަނީ މަތިމައްޗަށް ފުނިޖެހި، ސަލާމަތްނުވެވޭ ހިސާބަށް ގޮސްފައެވެ. އެ ހިސާބަށް ކަންތައް ދިޔައިރު، އެ އަވަށުގެ ކޮންމެވެސް ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައިވާ ޚަޒާނާއެއް ވާކަމުގެ މަޢުލޫމާތު ޝިއްރީރަށް ލިބުނެވެ. ދެން އެ ޚަޒާނާ ހޯދުމަށްޓަކައި، ރޭނގަޑު ދަންވަރު ސިއްރިޔާތުގައި، އަވަށްޓެރިންގެ ގޯތިތެރެ ކޮންނަން ފެށިއެވެ. ބައެއް ރޭރޭ އޭނާ އެކަން ކުރަނިކޮށް އަވަށްޓެރިންނަށް ފެނިފައި ވެއެވެ. ނަމަވެސް ގާތް އަވަށްޓެރިއަކު އޭނާއާ ދެކޮޅަށް މައްސަލައެއް ޖައްސާފައެއް ނުވެއެވެ. އޭނާ އެ ހޯދާ ފަދަ ޚަޒާނާއެއް ނެތް ކަމަށް ބުނުމާއި، ރޭގަނޑު ދަންވަރު ގޯތިތެރެ ނުކޮނުމަށް ނަސޭހަތްތެރިވުން ފިޔަވައި އެހެން ކަމެއް އަވަށްޓެރިން ކޮށްފައެއް ނުވެއެވެ.

ޝިއްރީރު، ޖަރީމާ ހިންގިއިރު، އޭނާގެ ޢުމުރަކީ، 38 އަހަރެވެ. އޭނާގެ އަނބިމީހާގެ ޢުމުރަކީ 33 އަހަރެވެ. ހަތަރު ފިރިހެންކުދިންގެ ތެރޭގައި ވަނީ، 11 އަހަރުގެ ކުއްޖަކާއި، 8 އަހަރުގެ ކުއްޖަކާއި، 4 އަހަރުގެ ކުއްޖަކާއި، ދޮޅު އަހަރުގެ ކުއްޖެކެވެ. ޝިއްރީރު، މި ޖަރީމާ ހިންގުމުގެ ކުރިން އޭނާ ވަނީ، ދެ މީހަކާ އަރާރުންވެފައެވެ. އަދި އެ ދެ މީހުން ވަނީ އޭނާގެ އަންހެނުން ރޭޕުކޮށް، އަންހެނުންނާއި ދަރީން މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ދެ މީހުންނާ ޖެހުނު މައްސަލައަކީ ވެސް، އެ ދެ މީހުންގެ ގޯތިތެރެ ރޭގަނޑު ދަންވަރު ޝިއްރީރު ކޮންނަނިކޮށް ފެނުމެވެ. އެކަން ނުކުރުމަށް އެ ދެ މީހުން ތަކުރާރުކޮށް ބުނުމުން ވެސް، އޭނާ ވަނީ ހުއްޓާނުލައި އެތައް ރެއަކު އެކަން ކޮށްފައެވެ.

އެންމެފަހުން، ޝިއްރީރުގެ ކުރިމަތީގައި ގޮތް ހުސްވިއެވެ. އޭނާ ހޯދަންއުޅުނު މުއްސަނދިކަމެއް އޭނާއަކަށެއް ނުލިބުނެވެ. އަދި އޭނާ ހޯދަން މަސައްކަތްކުރި ޚަޒާނާއެއް ވެސް އޭނާއަކަށެއް ނުފެނުނެވެ. ދެން އައި ކަޅުފޮއި މޫސުމުގެ އަނދިރި ރެއެއްގައި، އިބްލީސް އޭނާގެ ބޮލަށް ސަވާރުވިއެވެ. ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ، އަނބިދަރީން މަރާލުމަށްފަހު، އެކަން ފުލުހުންނަށް ރިޕޯޓުކުރުން ކަމުގައި ވަސްވާސްދިނެވެ. އަދި އެއަށްފަހު، އެ ޖަރީމާ، އަވަށްޓެރިންގެ ބޮލަށް ކަނޑާލަން ވެސް ވިސްނުވައިދިނެވެ. ޝިއްރީރު ހެއްލުނީ އިބްލީހުގެ ބަހަށެވެ. އިބްލީހުގެ ބަހަށް ހެއްލުމުގެ ގެއްލުން، ޝިއްރީރަށް މޭރުންވިއިރު، ވަގުތު ވަނީ ފާއިތުވެފައެވެ. މިއީ، މިޞްރުގެ ފައްޔޫމުގެ ސަހަރެއްގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެއް ކަމަށް، މެދުއިރުމަތީގެ ބައެއް ނޫސްތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ޢަހުމަދު

17-Apr-2020

ސުބުހާނަﷲ



ޓްރެންޑިން