މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސަ (އުއްޗު)
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސަ (އުއްޗު)
މިއަހަރުގެ ބޮޑުއީދުގެ ފޯރި އެންމެ ގަދަވެފައިވާ އެއް ރަށް ކަމަށްވާ ބ. ކަމަދޫގައި މިއަދު ކުރިއަށްދިޔަ އަންހެންވެރިންގެ ކޯޑި ކެނޑުމުގެ ކުޅިވަރުގެ ތެރެއިން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސަ (އުއްޗު) ގެ ބޮލަށް ކޯޑި ތިރިކޮށްފިއެވެ.

އީދުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް އުއްޗު މިއަދު އެ ރަށަށް ވަޑައިގެން އުޅުއްވަނިކޮށް، އަންހެންވެރިންގެ ފަރާތުން މި ހާއްސަ ޝަރަފު އޭނާއަށް އަރުވާފައިވާއިރު، އުއްޗުގެ އިތުރުން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އެ ރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރާއި، މުހައްމަދު ޝަމީމުގެ ބޮލަށްވެސް މިއަދު ވަނީ ކޯޑި ތިރިކޮށްފައެވެ.

އާންމުގޮތެއްގައި ކޯޑި ޖެހުމަކީ އެ ރަށެއްގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހެއްގެ ބޮލަށް ނުވަތަ ގިނަ ދުވަސްތަކަކަށްފަހު ރަށަށް އަންނަ މީހުންގެ ބޮލަށް ކޯޑި ތިރިކޮށްލުމަށް ބާއްވާ ސަގާފީ ހަރަކާތެކެވެ.





ކަމަދޫގައި މިއަދު ބޭއްވި މި ހަރަކާތް ފެށިގެންދިޔައީ ކޮންމެ އަހަރަކުވެސް އީދާ ދިމާކޮށް އެކި އުމުރުފުރާގެ މީހުން ސަގާފީ ހެދުމުގައި، ބެރުގެ ހަމައާއެކު ލަވަކިޔައި ނަށަމުން ކުރިއަށްގެންދާ ފޯރިގަދަ ހަރަކާތެއްގެ ގޮތުގައެވެ.

މިގޮތުން އިއްޔެ ކުރިއަށްދިޔައީ ފިރިހެންވެރިންގެ ކޯޑި ކަމަށްވާއިރު، އެ ކޯޑި އެލުވުމަށްފަހު ރޭގެ ދަންވަރުގެ ވަގުތެއްގައި ފިރިހެންވެރިން ވަނީ ވަގަށް އެ ކޯޑި ކަނޑާފައެވެ. މި މައްސަލައިގައި އަންހެންވެރިން މިއަދު ވަނީ ބަނދަރުމަތީގައި ހާއްސަ "ޝަރީއަތެއް" ބާއްވާފައެވެ.

ބޭރު ކަރައެއްގެ އިސް ޣާޒީންތަކެއްގެ ސިފަޖެހިގެން ތިބި ބަޔަކު ކުރިއަށްގެންދިޔަ މި ޝަރީއަތަށް، ކޯޑި ކެނޑުމުގައި ބައިވެރިވި ކަމަށް ބުނާ 12 ފިރިހެނުންނާއި 4 އަންހެނުން ހާޒިރުކޮށް، ރިޝްވަތު ހިފިކަމުގެ ކުށުގައި އެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅައި ހުކުމްވެސް އިއްވާފައެވެ.

މި މަޖާ އަދި ސަގާފީ ޝަރީއަތުގެ ކަންތައްތައް ނިމުމަށްފަހު، ރަށުގެ ބަނދަރުމަތީގައި އެއްވެ ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާއި މަންޒަރު ބަލަން ތިބި އިރު، ކޯޑި ކެނޑުމުގެ ރަސްމިއްޔާތު ބެރުގެ ހަމަތަކާއެކު އަންހެންވެރިން ނެށުމުގެ ހަރަކާތްތަކާއެކު ފެށިގެން ކުރިއަށްދިޔަ ކޯޑިކެނޑުމުގެ މިހަރަކާތުގައި އެންމެ ފުރަތަމަ ކޯޑި ކަނޑައި ތރިކޮށްފައިވަނީ ހާއްސަ މެހެމާނެއްގެ ގޮތުގައި އެތަނުގައި ހުންނެވި އުއްޗު ބޮލުގައެވެ.

ކަމަދޫން މައުލޫމާތު ދިން ގޮތުގައި، މިފަހަރުގެ އީދުގައި އެ ރަށުން ފެންނަމުންދަނީ ނަމޫނާ އެއްބައިވަންތަކަމެއްގެ ސަގާފީ ފޯރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު