މާސްޓަރޝެފް އިންޑިއާގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ޝެފް ޕަންކަޖް ބަދޯރިއާ އަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އޭނާ ހާމަކޮށްފިއެވެ.

ޕަންކަޖް މިކަން ހާމަކޮށްފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މަންޒަރު ފެންނަ އަސަރުގަދަ ވީޑިއޯއަކާއެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. މި ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކާމިޔާބީއަށް އެދި ދުއާކޮށްދިނުމަށާއި، ހިތްވަރު ދިނުމަށް އޭނާގެ ފޭނުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ކިބައިން އޭނާ ވަނީ އެދިފައެވެ.

2010 ވަނަ އަހަރު ބޭއްވި މާސްޓަރޝެފް އިންޑިއާގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމުގެ ކުރިން، ޕަންކަޖް އަކީ ގާތްގަނޑަކަށް 16 އަހަރު ދުވަހު ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. ކެއްކުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ވަޒީފާ ދޫކޮށްލުމަށްފަހު އެ ދާއިރާއަށް ނިކުމެ، އޭނާ ވަނީ އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ސެލެބްރިޓީ ޝެފަށް ވެފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ޓީވީ ޝޯތައް ހުށަހަޅައި، ކެއްކުމާ ބެހޭ ފޮތްތައް ވެސް ލިޔެފައެވެ.

ޕަންކަޖްގެ މި ބަލީގެ ޚަބަރާއެކު، އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަތުމުގެ މުހިންމުކަމާ މެދު އަނެއްކާވެސް ވަނީ ބޮޑު ސަމާލުކަމެއް ހުއްޓިފައެވެ. އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ އެއް ކެންސަރެވެ. މިއީ އުރަމަތީގެ ސެލްތައް އާދަޔާ ޚިލާފަށް އިތުރުވެ، ގަނޑުލެވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަންހެނުންގެ އިތުރުން މަދުން ނަމަވެސް ފިރިހެނުންނަށް ވެސް މި ބަލި ޖެހެއެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މި ބަލީގެ އަލާމާތްތައް ދުރާލާ ދެނެގަނެވިއްޖެނަމަ، ފަރުވާކޮށްގެން ބަލިން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބަލީގެ އާންމު ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

- އުރަމަތީގައި ނުވަތަ ކިހިލިފަތްދޮށުގައި ގަނޑެއްލުން.

- އުރަމަތީގެ ސައިޒަށް ނުވަތަ ބައްޓަމަށް ބަދަލު އައުން.

- އުރަމަތީގެ ހަންގަނޑަށް ބަދަލު އައުން (އޮމާންކަން ގެއްލި، ވަޅުވަޅު ހެދުން).

- އުރަމަތީގެ ހަންގަނޑު ރަތްވެ ދުޅަވުން.

- އުރަމަތިން ދިޔަ ނުވަތަ ލޭ އައުން.

- އުރަމަތީގައި ދެމިހުންނަ ތަދެއް ހުރުން.

ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި، މިފަދަ އެއްވެސް ބަދަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއަކަށް ދެއްކުން މުހިންމެވެ. ގަވާއިދުން މެމޯގްރާމް ހެދުމާއި، ބްރެސްޓް އަލްޓްރާސައުންޑް އަދި ބަޔޮޕްސީ ފަދަ ޓެސްޓުތަކުގެ އެހީގައި، ބަލީގެ އަލާމާތްތައް ބޭރުފުށުން ފެނުމުގެ ކުރިން ވެސް ބަލި ހުރިކަން ދެނެގަނެވިދާނެއެވެ.

ޕަންކަޖްގެ ބަލީގެ ޚަބަރު ލިބުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާއަށް ހިތްވަރު ދެމުންނެވެ. އޭނާގެ ބަލީގެ ވާހަކަ މިގޮތަށް ހާމަކުރުމަކީ އެތައް މިލިއަން ބަޔަކު މި ބައްޔަށް ހޭލުންތެރިވުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ޓީޗަރެއްގެ ވަޒީފާއިން ފެށިގެން އިންޑިއާގެ އެންމެ މަޝްހޫރު ޝެފާ ހަމައަށް އޭނާ ކުރި ދަތުރަކީ ގިނަ ބަޔަކަށް ނަމޫނާއަކަށް ވާއިރު، މި އުނދަގޫ ވަގުތުގައި ވެސް އެންމެން ތިބީ އޭނާއާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު