ސްޓީވަން މިލާރ އާއި ޓްރަމްޕް
ސްޓީވަން މިލާރ އާއި ޓްރަމްޕް
އެމެރިކާގެ އިޤްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބިނާކުރަމުންދަނީ "އާދަޔާޚިލާފު ސުވަރުގެއެއް" ކަމަށް ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީފަން މިލާ ސިފަކުރައްވައިފިއެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މިލާ ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރަށް ވާރުތަވީ "ނަރަކައެއް" ފަދަ އިޤްތިސާދެއް ކަމަށާއި، ނަމަވެސް މިހާރު ޤައުމު އޮތީ "ސުވަރުގެއެއް" ބިނާކުރުމުގެ މަގުމަތީގައި ކަމަށެވެ. ސަރުކާރުގެ އިސް އޮފިޝަލުން މިހާރުގެ ހާލަތު އެމެރިކާގެ "ރަންޒަމާން" ގޮތުގައި ސިފަކުރައްވަމުންދާއިރު، ވައިޓް ހައުސްއިން ދަނީ ސަރުކާރުގެ ކާމިޔާބީތައް ދެއްކުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ތަފާސްހިސާބުތަކަށް ބަލާއިރު މިލާގެ ވާހަކަތަކާއި ހަޤީޤަތާ ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. 2025 ވަނަ އަހަރު ވެރިކަން ބަދަލުވިއިރު، އެމެރިކާގެ އިޤްތިސާދަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި ހަމަޖެހޭ އިޤްތިސާދެވެ. އޭރު އިންފްލޭޝަން ދަށުގައި ހުރިއިރު، ކުށްކުރުން މަދުވެ، ބައިނަލްއަޤުވާމީ މައިދާނުގައި އެމެރިކާއަށް އޮތް އިތުބާރު އޮތީ އުފުލިފައެވެ. އެހެންކަމުން، އެ ހާލަތަކީ "ނަރަކަ" ކަމަށް ބުނުމަކީ ހަޤީގަތާ އެކަށީގެންވާ ސިފަކުރުމެއް ނޫން ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

މިލާގެ މި ވާހަކަތަކާ ގުޅިގެން ނިއުޔޯކް ޓައިމްސްއިން ވަނީ އިޤްތިސާދީ ގޮތުން ކަންބޮޑުވާންޖެހޭ ހިސާބުތަކެއް އާންމުކޮށްފައެވެ. އެގޮތުން، އަމިއްލަ މުދާ ބޭނުންކުރާ މިންވަރުގެ އަގުތައް ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 3.8 އިންސައްތައަށް ވަނީ އުފުލިފައެވެ. މިއީ 2023 ވަނަ އަހަރުގެ މެއި މަހަށްފަހު އަގުތައް މިހާ ބާރަށް އުފުލުނު ފުރަތަމަ ފަހަރެވެ. ހަމައެއާއެކު، ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް ނުލައި ބަލާ "ކޯ" އިންފްލޭޝަންވެސް ވަނީ 3.3 އިންސައްތައަށް އުފުލި، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ މަތީ ދަރަޖައަށް ގޮސްފައެވެ.

ތަކެތީގެ އަގުބޮޑުވަމުންދާ ނިސްބަތަށް އާންމުންގެ އާމްދަނީ އިތުރުނުވުމުގެ ސަބަބުން، ރައްޔިތުން ދަނީ ބޮޑެތި މާލީ ދަތިތަކެއް ތަހައްމަލު ކުރަމުންނެވެ. މީގެ ސަބަބުން އާންމުން ފައިސާ ރައްކާކުރާ މިންވަރު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެންމެ ދަށްވި މިންވަރަށް ވެއްޓިފައިވާއިރު، ވޭތުވެދިޔަ އަހަރަކީ ބަލިމަޑުކަމުގެ ދުވަސްވަރު ފިޔަވައި، އެމެރިކާގެ އިޤްތިސާދީ ކުރިއެރުން އެންމެ މަޑުޖެހުނު އަހަރެވެ.

ޕިއު ރިސާޗް ސެންޓަރުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އެމެރިކާގެ 59 އިންސައްތަ ރައްޔިތުން ޤަބޫލުކުރަނީ ޤައުމުގެ ހާލަތު އޮތީ ނުބައި މިސްރާބެއްގައެވެ. އަދި ޤައުމުގެ ރަނގަޅު ދުވަސްތައް މިހާރު މާޒީވެއްޖެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ވައިޓް ހައުސްގެ އޮފިޝަލުން ކިތަންމެ އުންމީދީ ވާހަކަތަކެއް ދެއްކެވި ނަމަވެސް، އާންމު ރައްޔިތުންގެ އިހުސާސްތަކާއި ޤައުމުގެ ހަޤީގީ ހާލަތު އެ ބުނާ "ސުވަރުގެ" އާ މާ ދުރުގައި އޮތްކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.



ކިޔުންތެރިންގެ ހިޔާލު