މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަޙްމަދު ސަރުވަޝް އާދަމް
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަޙްމަދު ސަރުވަޝް އާދަމް
ރާއްޖޭގެ އިޤްތިޞާދު މިހާރު ކުރިމަތިލަމުންދާ ގޮންޖެހުންތަކަކީ ހަމައެކަނި ވަގުތީ ގޮތުން ދިމާވެގެން އުޅޭ ޑޮލަރުގެ ތާށިކަމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑަށް ދިމާވެފައިވާ "ޓްވިން ޑެފިސިޓް" ނުވަތަ ދެ ބާވަތެއްގެ ދަރަނި ބޮޑުވުމުގެ މައްސަލައެއްކަން މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަޙްމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން ސަރުވަޝް މީސްމީޑިއާގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވަނީ ދެ ބާވަތެއްގެ ބޮޑު ދަރަންޏެއް ކަމަށެވެ. އެއީ ފިސްކަލް ޑެފިސިޓް (ސަރުކާރުން ކުރާ ޚަރަދުތައް އާމްދަނީއަށްވުރެ ބޮޑުވެ، ފައިސާ ރައްކާކުރެވޭނެ މަގެއް ނެތުން)، އަދި ކަރަންޓް އެކައުންޓް ޑެފިސިޓް (ޤައުމީ ފެންވަރުގައި ބޭރުގެ މުޢާމަލާތްތަކުން ލިބޭ އެއްޗަކަށްވުރެ ބޭރަށްދާ ފައިސާ ގިނަވެ، ބޭރު ފައިސާ ރައްކާކުރެވޭ މިންވަރު މަދުވުން) ކަމަށް ސަރުވަޝް ވިދާޅުވެފައިވެއެވެ.

ސަރުވަޝް ވިދާޅުވީ، މި ދެ ދަރަނި ފޫބެއްދުމަށްޓަކައި ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި ލޯނުތައް ނަގާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގައި މިއީ ވަގުތީ ގޮތުން ހައްލެއް ކަމަށް ފެނުނު ނަމަވެސް، ދިގު މުއްދަތުގައި މީގެ ސަބަބުން ރިޒާވްއަށާއި، ބޭރު ފައިސާގެ ތާށިކަމަށް އަދި ދަރަނި އަދާކުރުމުގެ ޤާބިލުކަމަށް ވަނީ ނޭދެވޭ އަސަރުކޮށްފައި ކަމަށެވެ.

މިހާރު ފެންނަމުންދާ ބައެއް ރެގިއުލޭޓަރީ ފިޔަވަޅުތަކަކީ، އިޤްތިޞާދީ ގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތަކުން ރެކުމަށްޓަކައި، ދެމެހެއްޓެނިވި ނޫން ޙާލަތެއް ދަމަހައްޓަން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސަރުވަޝް ސިފަކޮށްފައިވެއެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ހަމަޖެހުން އިޔާދަނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ ގިނަ ބަޔަކަށް ބަލައިގަންނަން އުނދަގޫ، އަދި ތަންފީޛު ކުރަން ދަތި އިޞްލާޙީ ފިޔަވަޅުތަކެއް ކަމަށް މާހިރުން އިއްތިފާޤުވާ ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.



އެގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި އޭނާ ފާހަގަ ކުރަށްވާފައިވަނީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމާއި، ދަރަނި ނަގައިގެން ހިންގާ މަޝްރޫޢުތައް މަދުކުރުމާއި، އުފެއްދުންތެރިކަން އިތުރުކޮށް، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގު ވަޒަންކުރުމާއި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ފަތުރުވެރިކަމުގެ ބޭރުން އިތުރު ދާއިރާތަކުން ބޭރު ފައިސާ ހޯދޭނެ މަގުތައް ފަހިކުރުމާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އިޤްތިޞާދަށް އޮތް އިތުބާރު އިޔާދަކުރުމެވެ.

އޭގެއިތުރުން ސަރުވަޝް ވަނީ، "ޓްވިން ޑެފިސިޓް" ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރިޒާވްއަށާއި މުޅި އިޤްތިޞާދަށް އޮތް ނުރައްކާ ކުރިއަށް އޮތް ތަނުގައިވެސް ބޮޑުވަމުންދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު