އުކުޅަހުގައި މިއަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް
އުކުޅަހުގައި މިއަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް
އުކުޅަހުގައި މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ކުރިއަށްގެންދާ އީދު ފެސްޓިވަލުގެ ހަރަކާތްތައް ފޯރިއާއި ކުލަގަދަކަމާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ.

2026 މޭ 26 އިން ފެށިގެން މޭ 30 ގެ ނިޔަލަށް ފަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އުފާވެރި ފެސްޓިވަލުގައި ކޮންމެ ދުވަހަކުވެސް ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ފެސްޓިވަލުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މޭ 26 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގައި ބޭއްވި ކުޑަކުދިންގެ ހަވީރަކުންނެވެ. އަދި އެރޭ 21:00 ގައި ވަނީ ފެސްޓިވަލުގެ ރަސްމީ ޝޯއެއް ބާއްވާފައެވެ. ޖެހިގެން އައި މޭ 27 ވީ ބުދަ ދުވަހުގެ ހެނދުނު 7:00 ގައި ކުޑަކުދިންގެ ހަވީރުގެ ދެވަނަ ބައި ކުރިއަށްދިޔައިރު، ހެނދުނު 8:00 ގައި ވަނީ 'ބީޗް ސަލާން' ހަރަކާތް ފަށާފައެވެ.

މީގެ އިތުރުން އެދުވަހުގެ ހެނދުނު 10:00 ގައި ބީޗް ވޮލީ އަދި ހޭންޑްބޯޅަ މެޗުތައް ފެށިގެން ދިޔައިރު، ހަވީރު 16:00 ގައި ވަނީ ކުޑަކުދިންގެ ހަވީރުގެ ތިންވަނަ ބައި ކުރިއަށް ގެންގޮސްފައެވެ. އަދި އެރޭ 20:00 ގައި ފޯރިގަދަ މިއުޒިކަލް ހަރަކާތްތަކެއް ބޭއްވުމަށްފަހު، ރޭގަނޑު 21:00 ގައި ވަނީ ހާއްސަ ކަލްޗަރަލް ޝޯއެއް ހުށަހަޅައިދީފައެވެ.

ފެސްޓިވަލުގެ ތިންވަނަ ދުވަސް ކަމަށްވާ މޭ 28 ވާ ބުރާސްފަތި ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައި ބާއްވާ ދުވުމަކުންނެވެ. އެއަށްފަހު ހެނދުނު 9:00 ގައި މަސްރޭހެއް ކުރިއަށްދާއިރު، 11:00 ގައި ކަނޑުދަތުރުގެ ހަރަކާތެއް އޮންނާނެއެވެ.

ހަވީރު 16:00 ގައި އެއްވަގުތެއްގައި ކުޅިވަރުގެ ދެ ހަރަކާތެއް ކަމަށްވާ ކޭކު ފެސްޓިވަލާއި ދިވެހި ކުޅިވަރުތައް ކުރިއަށްދާނެއެވެ. އަދި އެރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބީޗް ނައިޓްގެ ފޯރިގަދަ ހަރަކާތްތަކެވެ.

ހުކުރު ދުވަހާ ދިމާވާ ފެސްޓިވަލުގެ ހަތަރުވަނަ ދުވަސް، މޭ 29 ގެ ހެނދުނު 7:30 ގައި ބީޗް ވޮލީ އަދި ހޭންޑްބޯޅަ މެޗުތައް ކުރިއަށްދާނެއެވެ. މި ދުވަހުގެ ހަވީރު 16:00 ގައި މޫދު ކުޅިވަރުތަކާއި ފުޑް ފެސްޓިވަލް ކުރިއަށްދާއިރު، ހަވީރު 17:00 ގައި ބާއްވާ ސްޓޭޖް ޝޯއަށްފަހު، އެރޭ 21:00 ގައި ބާއްވާ ހާއްސަ މިއުޒިކް ޝޯއަކުން އެދުވަހުގެ ހަރަކާތްތައް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.

މި ބޮޑު ފެސްޓިވަލުގެ އެންމެ ފަހު ދުވަސް ކަމަށްވާ މޭ 30 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައި ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. އަދި މެންދުރުފަހު 14:00 ގައި މަސްރޭސް ކުރިއަށްދާއިރު، ހަވީރު 16:00 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ފުޑް ފެސްޓިވަލެވެ. އުކުޅަހުގައި ބާއްވާ މި ބޮޑު އީދު ފެސްޓިވަލުގެ ހަރަކާތްތައް ރަސްމީކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ އެރޭ 21:00 ގައި ބާއްވާ ހާއްސަ ސްޓޭޖް ޝޯއަކާއި ނިންމުމުގެ ރަސްމިއްޔާތުންނެވެ.



ކިޔުންތެރިންގެ ހިޔާލު