ޕިލިޕީންސް ގައި ވެއްޓުނު އިމާރަތް
ޕިލިޕީންސް ގައި ވެއްޓުނު އިމާރަތް
ފިލިޕީންސްގެ ވެރިރަށް މެނީލާގެ އުތުރުގައި އޮންނަ އެންޖެލްސް ސިޓީގައި އިމާރާތް ކުރަމުންދިޔަ 9 ބުރީގެ ހޮޓަލެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި، މިހާތަނަށް 4 މީހަކު މަރުވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާގައި އިތުރު 17 މީހަކު ގެއްލިފައިވާތީ، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި އިމާރާތް ވެއްޓުނު ވަގުތު، ކައިރީގައި ހުރި އެހެން ހޮޓަލަކަށް އޭގެ ބައިތައް ވެއްޓި، އެތަނުގައި ތިބި މެލޭޝިއާގެ ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. އިމާރާތުގެ ދަށުގައި ތާށިވި މަސައްކަތްތެރިންގެ ތެރެއިން ދެ މީހަކު ދިރިތިއްބާ ފެނުނު ނަމަވެސް، އެމީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެކަކު މަރުވީ ހިތް ހުއްޓިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އިމާރާތް ކުރަމުންދިޔަ ސައިޓުގައި ގާތްގަނޑަކަށް 70 އެއްހާ މީހުން މަސައްކަތް ކުރި ނަމަވެސް، ހާދިސާ ހިނގި ވަގުތަކީ ބަންދު ދުވަހަކަށް ވުމުން ގިނަ ބަޔަކު ތިބީ ޗުއްޓީގައެވެ. ގެއްލިގެން ހޯދަމުންދާ 17 މީހުންނަކީ އިމާރާތް ވެއްޓުނު ވަގުތު އެތަނުގައި ނިދާފައި ތިބި މަސައްކަތްތެރިން ކަމަށް ބެލެވެއެވެ.

ސަރަޙައްދީ ލޭބަރ ޑިޕާޓްމަންޓުގެ ޑައިރެކްޓަރ ޖެރަލްޑިން ޕަންލީލިއޯ ވިދާޅުވި ގޮތުގައި، މަސައްކަތްތެރިންގެ ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި މަޝްރޫޢު ވަގުތީ ގޮތުން ހުއްޓުވާފައިވެއެވެ. އޭރު އެތަނުގައި މަސައްކަތްކުރާ މީހުންގެ އަތުގައި ހެލްމެޓާއި، ބޫޓު އަދި ސޭފްޓީ ބެލްޓް ފަދަ ތަކެތި ނެތްކަން ފާހަގަކުރެވުނެވެ. ނަމަވެސް، އެކަންކަން އިޞްލާޙު ކުރުމުން މަހެއްހާ ދުވަސް ފަހުން އަލުން މަސައްކަތް ފެށުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، ވެއްޓިފައިވާ ކޮންކްރީޓް ގައުތަކުގެ ދަށުން މީހުން ހޯދުމަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ސަބަބަކީ ކުޑަ ގުޑުމެއްގެ ސަބަބުންވެސް އިތުރަށް އިމާރާތް ވެއްޓި، ތާށިވެފައި ތިބި މީހުންނަށް އިތުރު އަނިޔާ ލިބިދާނެތީއެވެ. މިހާރު ދަނީ ތާމަލް ސްކޭނަރުތައް ބޭނުންކޮށްގެން ދިރިހުރި މީހަކު ފެނޭތޯ ބަލަމުންނެވެ. އެފަދަ ނިޝާނެއް ނުފެނިއްޖެ ނަމަ، ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން ކުނިތައް ސާފުކުރުމުގެ މަސައްކަތް ފަށާނެއެވެ.



ކިޔުންތެރިންގެ ހިޔާލު