އެބޯލާ ވައިރަސް
އެބޯލާ ވައިރަސް
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެބޯލާ ވައިރަސް ފެތުރުމާ ގުޅިގެން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން، ސްރީލަންކާގެ ސިއްހީ ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހާއްސަ ސަމާލުކަމެއް ދޭން ފަށައިފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓުން ހާމަކޮށްފައިވާ ގޮތުގައި، މި ބަލި ގައުމަށް އެތެރެވިޔަނުދިނުމަށާއި، ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި ބޯޑަރުތަކުގައާއި އެއާޕޯޓުތަކުގައި ފާރަވެރިވުން ވަނީ އިތުރުކޮށްފައެވެ.

ހާއްސަކޮށް ބަލި ފެތުރެމުންދާ އެފްރިކާގެ ގައުމުތަކުން ދަތުރުކުރާ ފަސިންޖަރުން ބަލައި ފާސްކުރުމުގެ ކަންކަން މިހާރު ވަނީ ހަރުދަނާކޮށްފައެވެ.

މި ފިޔަވަޅުތަކުގެ ދަށުން، ސްރީލަންކާގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުގައި ހުންނަ ހެލްތު ޕޯސްޓުތަކާއި އިމިގްރޭޝަން އޮފިޝަލުންނަށް ބަލީގެ އަލާމާތްތައް ދެނެގަންނާނެ ގޮތުގެ އިރުޝާދު ދީފައިވާއިރު، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ހާއްސަ ޕްރޮޓޮކޯލްތަކެއް ވެސް ވަނީ އެކުލަވާލާފައެވެ.

މީގެ އިތުރުން، ގައުމުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ވެސް މިފަދަ ހާލަތަކަށް ތައްޔާރުވެ، ބަލި މީހުންނަށް ފަރުވާދޭނެ ވަސީލަތްތަކާއި ކަރަންޓީނު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ސްރީލަންކާއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު