ރައީސް މުއިއްޒު
ރައީސް މުއިއްޒު
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގައި ބައިބައިވުން އުފެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ބާރު ކުޑަވަމުންދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުން ފެތުރި ޚަބަރުތައް އެ ޕާޓީގެ އިސްވެރިން ވަނީ ވަރަށް ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ.

މިގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމްގެ އިތުރުން، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އިބްރާހީމް ފަލާހު ވެސް ވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން ހާމަކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވީ "އަދަދު" ނޫހާއި ބައެއް އެހެން މީޑިއާތަކުން، ޕީއެންސީގެ ސެނެޓް މެންބަރަކާ ހަވާލާދީ ލިޔެފައިވާ ރިޕޯޓްތަކަކާ ގުޅިގެންނެވެ.

އެ ރިޕޯޓްތަކުގައި ބުނެފައިވަނީ ކުރިއަށް އޮތް "ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް – 2026″ ބޭއްވުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމައެކަނި ޕާޓީގެ ލީޑަޝިޕުން ނިންމާ ގޮތަށް ހެދުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސެނެޓުގެ އަގުލަބިއްޔަތުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

އަދި މިއީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޕާޓީގެ އެތެރޭގެ ނިންމުމެއްގައި ރައީސަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށް ވެސް އެ ނޫސްތަކުގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮންގްރެސްގެ ކަންކަން ވިލަރެސްކުރަން ސެނެޓުން އެކުލަވާލި ޚާއްސަ ކޮމިޓީގައި ރައީސް މުއިއްޒު އެހާ ގަޔާނުވާ ބޭފުޅުން ކަމަށްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން ބައެއް ވަޒީރުން ހިމެނޭ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކުރިއެވެ.

މި ޚަބަރުތަކާ ގުޅިގެން ނޫސްތަކަށް ރައްދު ދެއްވަމުން ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީގެ ސެނެޓްގައާއި ލީޑަރޝިޕްގައި ވެސް ނުހިނގާނެ ކަމަށެވެ. ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ އަބަދުވެސް ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކަށް އިހުތިރާމްކުރައްވައި، މަޝްވަރާގެ ރީތި ސިފަ އިސްކުރައްވާ ބޭފުޅެކެވެ.

ނިމިގެންދިޔަ ސެނެޓް ބައްދަލުވުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ރައީސް ހުށަނާޅުއްވާ ކަމަށާއި، މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ފައިސާދީގެން މިފަދަ ނޫސްތަކުގައި މަދު ބަޔަކު ލައްވައި ކޮންމެފަދަ ބޮޑު ދޮގު ވާހަކައެއް ވެސް ލިޔުވިދާނެކަން މިކަމުން ސާފުވެގެންދާ ކަމަށް ވިދާޅުވެ ފަލާހު ވަނީ ފާޑުވިދާޅުވެފައެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމް ވެސް ވިދާޅުވީ، ކޮމެޓީ އެކުލަވާލި ގޮތާ ބެހޭ ގޮތުންނާއި ސެނެޓުގެ ނިންމުމާ ގުޅުވައިގެން ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އޮޅުވާލައި ފިތުނަ އުފެއްދުމުގެ މަގްސަދުގައި ފަތުރާފައިވާ ކަންކަމެވެ. އޮންލައިން މީޑިއާތަކުން މި ޚަބަރުތައް ފެތުރީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް ބުނެ، ނިމިދިޔަ އޭޕްރީލް މަހުގެ ރިފަރެންޑަމްގެ ނަތީޖާއާއި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާތަކާ ގުޅުވައިގެންނެވެ.

މީގެ އިތުރުން، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަދި އިބްރާހީމް މުހައްމަދު ސާލިހު ގުޅިވަޑައިގެން ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ ސިޔާސީ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ އެތެރޭގައި ރޭވުންތަކެއް ހިނގަމުންދާ ކަމަށް ދެއްކުމަށް ނޫސްތަކުން މަސައްކަތް ކުރި ނަމަވެސް، ޕީއެންސީގެ ލީޑަޝިޕުން ބުނަމުންދަނީ ޕާޓީ އޮތީ ބަދަހިކޮށް ކަމަށެވެ. ސަރުކާރާއި ޕާޓީގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި، މިއީ ހަމައެކަނި ސިޔާސީ ގޮތުން އުފައްދަން އުޅޭ ފިތުނައެއް ކަމަށް އެ ޕާޓީގެ އިސްވެރިން ތަކުރާރުކޮށް ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު