ޔޫއެން ވުމަން އިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓް
ޔޫއެން ވުމަން އިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓް
ޔޫއެން ވުމަން އިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ހަމަލާތަކުގައި މިހާތަނަށް 22,000 އަށްވުރެ ގިނަ މައިން ވަނީ ޝަހީދުވެފައެވެ.

މިއީ އެވްރެޖްގޮތެއްގައި ދުވާލަކު 47 މައިންނާއި އަންހެން ދަރިން ކަމަށްވާއިރު، ކޮންމެ ބައިގަޑިއިރަކުން ޣައްޒާގެ އަންހެނަކު ޝަހީދުވަމުންދާ ކަމަށް އެ ބައިނަލްއަގުވާމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ހިތާމަވެރި އަދި އަނިޔާވެރި ހާލަތުގެ ސަބަބުން މުޅި މުޖުތަމައުގެ އާއިލީ އޮނިގަނޑު ވަނީ ބޮޑު ސިންގާ ލޮޅުމެއްގެ ތެރޭގައެވެ.

އެގޮތުން، ފިރިން ވަކިވެދިއުމުގެ ސަބަބުން 22,000 އަށްވުރެ ގިނަ އަންހެނުން ހުވަފަތްވެފައިވާއިރު، މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެއްބަފޔަކު ނުވަތަ ދެމަފިރިން ދޫކޮށް ދިއުމުގެ ސަބަބުން 64,000 އަށްވުރެ ގިނަ ކުދިން ވަނީ ބިކަވެފައެވެ. މީގެއިތުރުން، 20,000 އަށްވުރެ ގިނަ މައިންނަށް އެމީހުންގެ ލޮލުގެ ފުށް ފަދަ ދަރިން ވަނީ ގެއްލިފައެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ޣައްޒާގެ މައިންގެ ތެރެއިން 75 އިންސައްތަ މައިން މިހާރު ދިރިއުޅެމުންދަނީ ނާމާންކަމާއި، ނަފްސާނީ ނުތަނަވަސްކަމާއި، އަދި ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުންދާ މި އަންހެނުންނަށް ހަމަނިދި ލިބުމުން މަހުރޫމްވެފައިވަނީ، ކޮންމެ ސިކުންތެއްގައިވެސް ބޯމައްޗަށް ވެއްޓިދާނެ ބޮމުގެ ހަމަލާއަކަށް ބިރުންނެވެ.

މީގެއިތުރުން، ފޭލިގެތަކުގެ ތެރެއަށް ވަންނަ ފަނިފަކުސާތަކާއި ބޮޑެތި މީދަލުގެ ސަބަބުން ދަރިންނަށް ލިބިދާނެ ގެއްލުމަކަށްޓަކައި ހޭލާ ތިބެންޖެހުމަކީވެސް އެމީހުން އުފުލަމުންދާ ބޮޑު ތަކުލީފެކެވެ. މިއަދު ޣައްޒާގެ ކޮންމެ މައަކަށްމެ އޮތް ހަމައެކަނި ހަގީގަތަކީ، ކޮންމެ ހިނދެއްގައިވެސް އަމިއްލަ ފުރާނަ ދިއުން ނުވަތަ ލޯބިވާ ދަރިން ވަކިވެދާނެކަމުގެ ބިރުވެރި އިހުސާސެވެ.

ހަނގުރާމައިގެ ހޫނުގަނޑުގެ ތެރޭގައި ޣައްޒާގެ ކުޑަކުދިންގެ މުސްތަގުބަލު މުޅިން އަނދިރިވެފައިވާއިރު، މިހާތަނަށް 19,000 އަށްވުރެ ގިނަ ކުދިން ވަނީ މުޅިން ޔަތީމުވެފައެވެ.

ޔޫއެން ވުމަންއިން ވަނީ މިއީ ހަމައެކަނި ހިސާބުތަކެއް ނޫންކަމަށާއި، މިއީ ބައިނަލްއަގުވާމީ މުޖުތަމައުން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހިފައިވާ އިންސާނީ ބޮޑު ކާރިސާއެއްކަން ފާހަގަކޮށްފައެވެ. ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، މި ބިރުވެރި ހާލަތުން އެމީހުން ސަލާމަތްކުރުމަށްޓަކައި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ބުނެ ރިޕޯޓު ވަނީ ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު