އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ނޫހް ޑިސްޓްރިކްޓްގެ އަވަށެއްގައި، ގޭންގް ރޭޕެއް ހިގުން
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ނޫހް ޑިސްޓްރިކްޓްގެ އަވަށެއްގައި، ގޭންގް ރޭޕެއް ހިގުން
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ނޫހް ޑިސްޓްރިކްޓްގެ އަވަށެއްގައި، ގޭންގް ރޭޕްގެ ޝިކާރައަކަށްވި އުމުރުން 20 އަހަރުގެ އަންހެނަކު، ބްލެކްމެއިލްކޮށް ނަފްސާނީ ގޮތުން ދިން އަނިޔާތަކަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ އެ އަންހެން ކުއްޖާ ދިރިއުޅޭ އަވަށަށް ނިސްބަތްވާ ބައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަރުވި އަންހެން ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ހަތަރު ފިރިހެނަކު ވެގެން އޭނާ ގޭންގް ރޭޕްކުރުމަށްފަހު އެ މަންޒަރު ވަނީ ވީޑިއޯކޮށްފައެވެ.

އަދި އެއަށްފަހު، އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްލާނެ ކަމަށް ބުނެ، އެމީހުން ދިޔައީ މެދުނުކެނޑި އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރަމުންނެވެ. ފުލުހުން ބުނީ އަބުރު ކެނޑިދާނެ ކަމުގެ ބިރަށާއި، ކުރިމަތިވި ނަފްސާނީ ކަމާއި ހުރެ އޭނާ މިފަދަ ހަރުކަށި ފިޔަވަޅެއް އެޅީ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ އަވަށުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދިފައިވާއިރު، ކުށްވެރިންނަށް ހަރުކަށި އަދަބު ދިނުމަށް އާއިލާއިން ދަނީ ގޮވާލަމުންނެވެ.

މި މައްސަލައާ ގުޅިގެ

ން އާއިލާގެ ފަރާތުން ބިޗްހޯރް ފުލުސް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފުލުހުން ވަނީ ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރް) އެއް ރަޖިސްޓްރީކޮށް، ފުޅާ ދާއިރާއެއްގައި ތަހުގީގު ފަށާފައެވެ.

ބިޗްހޯރް ޕޮލިސް ސްޓޭޝަނުގެ އެސްއެޗްއޯ އިންސްޕެކްޓަރު ރާޖްބީރު ސިންގް ވިދާޅުވި ގޮތުގައި، އަންހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

އަދި މި މައްސަލަ ތަހުގީގު ކުރުމަށް ސައިބަރ ކްރައިމް ޓީމު ހިމެނޭ ގޮތަށް ފުލުހުންގެ ހަތަރު ހާއްސަ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ ވީޑިއޯ ހެދި ދުވަހާއި، އޭގެ ބޭނުން ހިފި ގޮތް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ހުރިހާ ފަރާތްތަކެއް ބަލަމުންދާ ކަމަށާއި، ވަރަށް އަވަހަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު