ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ކުރިމަތިވަމުންދާ ހީނަރުކަމަކީ ނެތް ކަމެއްގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތް ކުރާ ނަމަ، ގައުމުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިންޒާރު ކުރައްވައިފިއެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ނާޒުކު ފައްތަރު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދެމުން ނުދިއުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އަދި މި ދަނޑިވަޅަކީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާ އެކު އެއް މޭޒަކަށް އައިސް، އިގްތިސާދު އިތުރަށް ދަށަށް ދިޔަނުދީ ހިފެހެއްޓޭނެ ގޮތްތަކަކާ މެދު ސީރިއަސްކޮށް މަޝްވަރާ ކުރަންވީ ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށް އޮތް އެއްވެސް އިންތިހާބެއް ނެތްއިރު، އިގްތިސާދީ ހަގީގަތްތައް ހާމަކުރަން ސަރުކާރުން ފަސްޖެހެންޖެހޭ ސަބަބެއް ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. ދައުލަތުގެ ދަރަނި ދެއްކުމާއި މުވައްޒަފުންނަށް މުސާރަ ދެވުނު ނަމަވެސް، ގައުމުގެ އިގްތިސާދީ ދުވެލި ރަނގަޅު ކަމަށް ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.



އަމީރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުރުވެރިކަން ފިޔަވައި އެހެން ހުރިހާ ސިނާއަތްތަކެއް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކޮވިޑް-19 ގެ އުނދަގޫ ދުވަސްވަރުވެސް ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށްގެން މުހިންމު ފިޔަވަޅުތަކެއް އެޅުނުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާރުގެ ހާލަތަށް އެކަށީގެންވާ ފިޔަވަޅެއް ނާޅައި ކަންކަން ދޫކޮށްލައިފިނަމަ މަޝްރަހު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކޮންމެ ލޮޅުމަކުން މުޅި ގައުމުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވަމުންދާތީ، މި ސިނާއަތަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ޖަމިއްޔާތަކުން ލަފާކުރެއެވެ.

މި މައްސަލައިގެ ސީރިއަސްކަން ބޮޑުވުމުން އެ ފަރާތްތަކުން ވަނީ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައެވެ. ނަމަވެސް ސަރުކާރުން އެ އަދަދުތަކާ މެދު ސުވާލު އުފައްދާފައިވާއިރު، ދާއިރާގެ އިސް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފަތުރުވެރިކަން މިހާލަތަށް ވެއްޓެން ދިމާވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުންނެވެ.



ކިޔުންތެރިންގެ ހިޔާލު