ފޮޓޯ: ޒަކާތު ހައުސް
ފޮޓޯ: ޒަކާތު ހައުސް
މޯލްޑިވްސް ޒަކާތު ހައުސްއިން 2026 ވަނަ އަހަރުގެ އޭޕްރިލް މަހު މުދަލު ޒަކާތުގެ ގޮތުގައި ކުރި ހޭދަ، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 އޭޕްރިލް މަހު މުދަލު ޒަކާތުން ޖުމްލަ 3،811،259.91 (ތިން މިލިއަން އަށްލައްކަ އެގާރަ ހާސް ދުއިސައްތަ ފަންސަބަސް ނުވަ ރުފިޔާ ނުވަދިހަ އެއް ލާރި) ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހު ދޫކުރި 2،828،118.28 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެކެވެ.

މި ފައިސާގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތައުލީމީ ދާއިރާއަށާއި، ގުރުއާނާ ބެހޭ އެކިއެކި ޕްރޮގްރާމްތަކަށެވެ.

ފަގީރުންނާއި މިސްކީނުންގެ ގިންތިން 2025 ވަނަ އަހަރުގެ އޭޕްރިލް މަހު 1.1 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 1،449،239.39 ރުފިޔާއަށް އިތުރުވެފައެވެ.

އަސާސީ ބޭނުންތަކަށް ދޫކުރި އެހީ: 42،500 ރުފިޔާއިން 182،731 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ބޭސްފަރުވާގެ އެހީ: 1.1 މިލިއަން ރުފިޔާއިން 1،266،508.39 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހަރަދުތަކަށް ހޭދަކުރާ "ޢާމިލުން" ގެ ގިންތިން ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން 2025 އޭޕްރިލްގައި މި ދާއިރާއަށް 483،077.82 ރުފިޔާ ހޭދަކުރިއިރު، 2026 އޭޕްރިލްގައި މި އަދަދު ވަނީ 195،003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ފެނިފައިވަނީ "ފީސަބީލިﷲ" ގިންތީގެ ދަށުން ކުރެވުނު ހޭދައިންނެވެ. އިސްލާމީ ތައުލީމާއި ގުރުއާން އުނގަންނައިދިނުމުގެ މަޝްރޫއުތައް ފުޅާކުރުމާ ގުޅިގެން، މި ގިންތީގެ ހޭދަ 1.1 މިލިއަން ރުފިޔާއިން 2،167،016.73 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މަތީ ތައުލީމު ފުރިހަމަކުރުމަށް: 290،274.76 ރުފިޔާ.

ގުރުއާން ހިތުދަސްކުރުމާއި ފެތުރުމުގެ ޕްރޮގްރާމްތަކަށް: 1،093,749.47 ރުފިޔާ.

އަތޮޅުތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް: 782،992.50 ރުފިޔާ.

މީގެ އިތުރުން، ދަތުރުމަތީގައި ހާލުގައިޖެހޭ މީހުންނަށް އެހީވުމުގެ ގޮތުން "އިބްނުއްސަބީލް" ގިންތިން 2025 ވަނަ އަހަރު 62،052 ރުފިޔާ ހޭދަކުރި ނަމަވެސް، 2026 ވަނަ އަހަރުގެ އޭޕްރިލް މަހު މި ގިންތިން އެއްވެސް ހޭދައެއް ކޮށްފައެއް ނުވެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއަށް ބަލާއިރު، 2026 އޭޕްރިލް މަހު ޖުމްލަ 5،434،893 ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު