ސަމީރާ މަހްބޫބްދީން
ސަމީރާ މަހްބޫބްދީން
ގައްޒާގެ ބަންދު އުވާލުމަށް ގޮވާލައި އެހީގެ ސާމާނާއެކު ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ބައިވެރިން ހައްޔަރުކޮށް، އެމީހުންގެ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ސްރީލަންކާ ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ސޯޝަލް މީޑިއާގައި އާންމުކުރި މި ވީޑިއޯއިން ފެންނަނީ ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުންނަށް އޭނާ މަލާމާތްކޮށް ފުރައްސާރަކުރާ މަންޒަރެވެ. މި އަމަލާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ވަރުގަދަ ފާޑުކިޔުންތަކެއް އިސްރާއީލަށް އަމާޒުވެފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރުވެސް ވަނީ މިނިސްޓަރު ބެން-ގްވީރުގެ މި އަމަލު ކުށްވެރިކުރައްވައި އޭނާއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއިން ހިފެހެއްޓި މި ފްލޮޓިލާގައި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ސަމީރާ މަހްބޫބްދީން ވެސް ހިމެނޭ ކަމަށެވެ. އަދި އޭނާގެ ސަލާމަތާއި ރައްކާތެރިކަމާއި ކަރާމާތް ކަށަވަރުކުރުމަށާއި، ކޮންސިއުލާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުތަކުގެ މަތިން އިސްރާއީލުގެ ފޮރިން މިނިސްޓްރީއާ އެކު މިހާރު ވާހަކަދެކެވެމުންދާ ކަމަށް ލަންކާ ސަރުކާރުން ހާމަކުރެއެވެ.

މީގެ އިތުރުން، އޭނާ ވީ އެންމެ އަވަހަކަށް އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޭރުގައުމުތަކުގައި އުޅޭ ލަންކާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ސަމީރާ މަހްބޫބްދީން މި ދަތުރުގައި ބައިވެރިވުމަށް ސްރީލަންކާއިން ފުރާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

ގާތްގަނޑަކަށް 100 އެއްހާ ގައުމުގެ އެކްޓިވިސްޓުން ބައިވެރިވި މި އިންސާނީ އެހީގެ މިޝަންގައި، ތުރުކީގެ މާމަރިސް ބަނދަރުން 50 އަށްވުރެ ގިނަ އުޅަނދު ގައްޒާއާ ދިމާލަށް މިދިޔަ ދުވަސްތަކުގައި ދަތުރު ފެށިއެވެ. ނަމަވެސް، އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ މިދިޔަ ހޯމަ ދުވަހު މި ފްލޮޓިލާ ހިފަހައްޓައި، އޭގެ ބައިވެރިން އަޝްދޫދު ބަނދަރުގައި ހަދާފައިވާ ވަގުތީ މަރުކަޒެއްގައި ހައްޔަރުކޮށްފައެވެ.

އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރުގެ އޮފީހުން އާންމުކުރި ދެ ވީޑިއޯއިން ފެންނަ ގޮތުގައި، ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުން ބައިތިއްބާފައި ތިބީ އިންސާނިއްޔާތާ ހިލާފު، ވޭންދެނިވި މަގާމުތަކެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު