މަރާލި ޓިކްޓޮކް ތަރި ސަނާ ޔޫސުފް
މަރާލި ޓިކްޓޮކް ތަރި ސަނާ ޔޫސުފް
ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް އަދި އިންސްޓަގްރާމް އިންފްލުއެންސަރ ސަނާ ޔޫސުފް މަރާލި މައްސަލައިގައި، އުމުރުން 23 އަހަރުގެ އުމަރު ހަޔާތަށް މަރުގެ އަދަބު ދިނުމަށް އިސްލާމްއާބާދުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އުމުރުން އެންމެ 17 އަހަރުގެ ސަނާގެ ގަޔަށް އަމިއްލަ ގޭގައި ހުއްޓައި ބަޑި ޖަހައި މަރާލި މި ހާދިސާއަކީ ޕާކިސްތާނުގައި އަންހެނުންގެ

ރައްކާތެރިކަމާ މެދު ބޮޑެތި ބަހުސްތަކެއް އުފެދިގެންދިޔަ ކަމެކެވެ. ކޯޓުގެ މި ނިންމުމާ ގުޅިގެން ސަނާގެ ބައްޕަ ހަސަން ޔޫސުފް ބުނީ، މިއީ މުޅި މުޖުތަމައަށް ލިބުނު ފިލާވަޅެއް ކަމަށާއި، މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ ކޮންމެ މީހަކަށްވެސް މިފަދަ ހަރުކަށި އަދަބެއް ލިބޭނެކަން މި ހުކުމުން ސާފުވެގެން ހިނގައްޖެ ކަމަށެވެ.

ފުލުހުން އުމަރު ހަޔާތް ހައްޔަރުކުރީ ސަނާ މަރާލިތާ 20 ގަޑިއިރު ނުވަނީސް، އިސްލާމްއާބާދާ 320 ކިލޯމީޓަރު ދުރުގައި އޮންނަ ފައިސަލްއާބާދުންނެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ސަނާގެ ފަރާތުން ލޯބީގެ ގޮތުން ތަކުރާރުކޮށް އުމަރަށް ލިބުނު "ނޫނެކޭ" ބުނުމުގެ ޖަވާބުތަކާ ގުޅިގެން ހިންގި ޖަރީމާއެކެވެ.

މި މައްސަލައިގެ ތަހުގީގަށް އުމަރު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ސަނާއާ އޮންލައިންކޮށް ދިމާވެ، އޭނާގެ މައްޗަށް އެއްކޮޅުން ލޯބި އުފެދިފައިވާ ކަމަށެވެ. އަދި ސަނާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް އޭނާ އިސްލާމްއާބާދަށް ދިޔަ ނަމަވެސް، ސަނާ އޭނާއާ ބައްދަލުކުރަން އިންކާރު ކުރުމުން، ސަނާ ގަސްދުގައި އޭނާއަށް ފިލަނީ ކަމަށް ޝައްކުކުރެވުނު ކަމަށެވެ. ޖޫން 2 ވަނަ ދުވަހު ސަނާގެ ގެއަށް އުމަރު ދިޔައީ ބަޑިއެއް ހިފައިގެން ކާރެއް ކުއްޔަށް ނަގައިގެންނެވެ. ސަނާގެ މަންމައާއި ބޮޑުދައިތަގެ ކުރިމަތީގައި ހިންގި މި ހާދިސާގައި، ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އުމަރު ވަނީ ސަނާގެ ގަޔަށް ބަޑިޖަހާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި، މިއީ ޕާކިސްތާނުގައި އަންހެނުންގެ މިނިވަންކަމާއި ކުރިއެރުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ މިފަދަ އެތައް ހާދިސާއެއްގެ ތެރެއިން އެއް ހާދިސާއެވެ. ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އެކަނިވެސް "ޢިއްޒަތުގެ ނަމުގައި" 346 އަންހެނުން މަރާލާފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ކަމާބެހޭ މާހިރުން ބުނާ ގޮތުގައި، އަންހެނުންގެ އަމިއްލަ ނިންމުންތަކަށާއި ހަށިގަނޑަށް ފިރިހެނުން ބާރުފޯރުވަން އުޅުމުގެ ނަތީޖާއަކީ މިފަދަ ހިތާމަވެރި މަރުތަކެވެ. މި ހުކުމަކީ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު