އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
މ. ވޭވަށު ކައުންސިލް އިންތިޚާބުގައި ބޭނުންކުރި ބައެއް ވޯޓު ކަރުދާސްތަކުގައި ހުރި ތިކިތަކެއްގެ ސަބަބުން އެ ވޯޓުތައް ބާތިލުކުރުމަށް ހައިކޯޓުން ކުރި ހުކުމް، އިދިކޮޅު އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައަކީ ވޭވަށު ކައުންސިލް އިންތިޚާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހުގެ ފަރާތުން، އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ހުށަހަޅަން ޖެހުނީ، އިންތިޚާބުގެ ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމާ ގުޅިގެންނެވެ.

އެ ތިން ވޯޓު ސައްހަ ކަމަށް ބަލައިގަތުމުން، އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް ދެ ވޯޓުގެ ތަފާތުން ކުރި ލިބުނެވެ. ނަމަވެސް، ނަޒީހުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ކަރުދާސްތަކުގައި ހުރި ފާހަގަތަކަކީ ވޯޓުލީ މީހާ ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގަތަކެއް ކަމަށާއި، އެހެންކަމުން އެއީ ބާތިލު ވޯޓުތަކެއް ކަމަށެވެ.

މި މައްސަލާގައި ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލައިލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކަނޑައަޅައި، އިންތިޚާބުގެ ނަތީޖާ އަލުން އިއުލާންކުރުމަށް އީސީގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު މި މައްސަލާގައި ތަފާތުވިއެވެ. ފަނޑިޔާރު މާހިރު ދެކެވަޑައިގަންނަވާ ގޮތުގައި، ކަރުދާހުގައި ހުރި ކުދި ދެލިތިކިތަކެއްގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.

ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާ ކުރިން އޮތްގޮތުން، އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް 121 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓުގެ ހުކުމާ އެއްގޮތަށް އެ ތިން ވޯޓު ބާތިލުކުރުމުން، އަހްސަންގެ ވޯޓުގެ އަދަދު 118 އަށް ތިރިވެ، ޕީއެންސީގެ ނަޒީހަށް އިންތިޚާބު ކާމިޔާބުވާނެއެވެ.

ހައިކޯޓުގެ މި ނިންމުން ގަބޫލުނުކޮށް، އެމްޑީޕީން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު