ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ސްރީލަންކާގެ ރަތުމަލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި، ސިއްރިއްޔާތުގައި ހިންގަމުންދިޔަ ޤަވާއިދާ ޚިލާފު ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓިންގ ސެންޓަރެއް ލަންކާ ފުލުހުން އަތުލައިގަނެ، އެ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ، މައުންޓް ލެވީނިއާ ޑިވިޜަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި އެ ޤައުމުގެ ޓެލެކޮމިއުނިކޭޝަން އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން އެކަކީ ދިވެހި ރައްޔިތެއް ކަމަށް ފުލުހުން ބުނި ނަމަވެސް، ހައްޔަރުކުރި ދިވެހި މީހާގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މަރުކަޒު ހިންގަމުން ގޮސްފައިވަނީ އައްޓިޑިޔާ ސަރަޙައްދުގައި، ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ހިންގާ އޮފީހެއްގެ ތެރޭގައި ވަރަށް ސިއްރިއްޔާތުގައި ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ފުލުހުން އެތަން ރޭޑްކުރިއިރު، ގާތްގަނޑަކަށް 50 މިލިއަން ރުޕީސް (2.33 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި މުވާސަލާތީ އާލާތްތައް ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރު ސިސްޓަމްތަކުގެ އިތުރުން ސްޓާލިންކް (Starlink) ޔުނިޓެއްވެސް ހިމެނޭ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ލަންކާ ފުލުހުންގެ އިބްތިދާއީ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، މި ތަނުން ވަނީ އަމިއްލަ ޓެލެކޮމް ކުންފުންޏެއްގެ ޑޭޓާ ބޭނުންކޮށްގެން ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑްކޮށް، އެ ޚިދުމަތްތައް ލަންކާއާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ޤަވާއިދާ ޚިލާފަށް ފޯރުކޮށްދީފައެވެ.

ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނީ، މި މައްސަލަ ސްރީލަންކާ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު