ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް
ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ޕާޓީގެ ތެރޭގައި ހަމަޖެހުން ގާއިމުކުރުމަށްފަހު ނޫނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުނުވެވޭނެ ކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މީކާއިލް މިހެން ވިދާޅުވީ ބޮނޑިބަތް ޕާކުގައި ބޭއްވި އޭނާގެ "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކެމްޕޭނުގައި މިހާތަނަށް 34 ރަށަކަށް ކުރެއްވި ދަތުރުތަކުން ފާހަގަވި ކަންކަމަށް އަލިއަޅުއްވާލައްވަމުން މީކާއިލް ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުން މިއަދު އެދެނީ ތެދުވެރި އަދި ބަހުގެ އިތުބާރު ހިފޭނެ ފަދަ ލީޑަރަކަށް ކަމަށެވެ. އަދި އޭނާގެ މުޅި އުމުރު ހޭދަކުރީ އެމްޑީޕީގައި ކަމަށާއި، ޕާޓީއަށް ލިބޭ ކާމިޔާބީއާއި ނާކާމިޔާބީގައި ވެސް ސާބިތުކަމާއެކު ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ޕާޓީގެ ތިލަފަތުގެ ހަމަހަމަކަން އާންމު މެންބަރުންނަށް ހޯދައިދީ، އެމްޑީޕީއަކީ ބާރުވެރި ޕާޓީއަކަށް ހެދުމަށްޓަކައި ކަމަށް ވެސް މީކާއިލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ ތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީއަކީ ހުރިހާ މެންބަރުންނަށް އިންސާފުވެރި އަދި ހަމަހަމަ ފުރުސަތުތަކެއް އޮތް އިންތިޚާބެއްގެ ގޮތުގައި ބޭއްވިގެން ކަމަށެވެ. އަދި ވަކި ފަރާތަކަށް ޖެހިފައިވާ ރެފްރީއަކަށް މެޗެއް އިންސާފުވެރިކޮށް ނިންމާނުލެވޭނެ ކަމަށް ވިދާޅުވެ، ޕާޓީގެ އުސޫލުތައް ހިފެހެއްޓުމަށް އާންމު މެންބަރުން ވިސްނުންތެރިކަމާއެކު ގޮތް ނިންމުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ޕާޓީގެ އެތެރޭގެ އިންތިޒާމުތައް މިހާރު ހުރި ގޮތުން 2028 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ލިބިދާނެ ކަމުގެ ބިރު އެބައޮތްކަން ފާހަގަކުރައްވަމުން، މީކާއިލް ވަނީ ޕާޓީގެ އެއްބައިވަންތަކަން ނަގާނުލުމަށާއި މެންބަރުން މަގުމަތިވިޔަ ނުދިނުމަށް އާދޭހާއެކު އެދިވަޑައިގަންނަވާފަ އެވެ.

އަދި ހަމައެކަނި ސަރުކާރެއް ބަދަލުކޮށްލުމަކުން ގައުމަށް ނުވަތަ ޕާޓީއަށް ހަމަޖެހުމެއް ނާންނާނެ ކަމަށާއި، ސަރުކާރާ ދެކޮޅަށް ނުކުތުމުގެ ކުރިން އެމްޑީޕީގެ ސަފުތައް ބަދަހިކޮށް، އެތެރޭގެ ހިންގުން އިސްލާހުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު