މިރޭ ކުރިއަށްދާ މުޒާހަރާ
މިރޭ ކުރިއަށްދާ މުޒާހަރާ
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެ، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ 'އަދަދު' ގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށް ލުމާ ގުޅިގެން، އެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިސްނަގައިގެން މިރޭ ވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.

އެމްޑީޕީގެ ހަރުގެ ސަރަހައްދުން ފެށި މި މުޒާހަރާގައި ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންގެ އާއިލާގެ މެންބަރުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ އިތުރުން ސިޔާސީ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ނޫސްވެރިން ދޫކޮށްލުމަށެވެ. މި މުޒާހަރާގެ ކުރީ ސަފުގައި ޝަހުޒާންގެ ބައްޕާ ޝާޒް ( ތަޖޫބެ) ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މި މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ހިނގާލާފައި ގޮސް އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށާއި، ބިރުދެއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި ވަރަށް ބޮޑަށް އަޑުއުފުލާފައެވެ.

'އަދަދު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ، އެ ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒުގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށް ބުނެ ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ނިންމުމަށްފަހުއެވެ.

ލީވާން ޖަލަށް ލާފައިވަނީ އެ އަމުރާ ގުޅޭ ހަބަރެއް ލިޔުމުން ކަމަށްވާއިރު، ޝަހުޒާން ޖަލަށް ލާފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒާ ސުވާލު ކުރުމުންނެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން ދިވެހި މީޑިއާ ކޮމިއުނިޓީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުން ވެސް ދަނީ މިއީ ރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބުނު ބޮޑު ހީނަރުކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު