އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން.
އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން.
ވ. އަތޮޅުގަ ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން މެދުކެނޑުމަކަށް ފަހު މިއަދު އަލުން ވަނީ ފަށައިފަ އެވެ.

މި އޮޕަރޭޝަން މެދުކަނޑާލަން ޖެހުނީ، މިދިޔަ ހޮނިހިރު ދުވަހު މި މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެންނެވެ. އޭނާގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މާލޭގައި ވަނީ ބާއްވައިފަ އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން އަލުން މި ފެށީ ރާއްޖެއައި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާއި ރާއްޖޭގެ ރެސްކިއު މިޝަންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

ނަމަވެސް، މިއަދު ސައިޓް ބަލައި ބޭރުގެ ޓީމާ އެކު ފެމިލަރައިޒްވުމުގެ މަސައްކަތް ކުރިއަށް ދާތީ، މިއަދު މާ ފުނަށް ފީނުމެއް ކުރިއަކަށް ނުގެންދާނެ އެވެ. އަދި ކަނޑު އަޑިއަށް ފޮނުވާ ރިމޯޓް ކޮންޓްރޯލް ވެހިކަލް (އާރުއޯވީ) ބޭނުންކުރަން ފެށި ނަމަވެސް، އޮއިވަރު ހުރި ގޮތުން މި ބޭނުންކުރުން ވަގުތީ ގޮތުން ވަނީ ސަސްޕެންޑް ކުރެވިފައެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ބޭރުގެ ޓީމާއި ރާއްޖޭގެ ރެސްކިއު ޓީމުގެ އިތުރުން ދިވެހި ފުލުހުންގެ ޑައިވަރުންގެ ޓީމަކާއި، ޓެކްނިކަލް ސަޕޯޓް ދިނުމަށް މޫދުގެ ސާވޭތައް ކުރާ ތަޖުރިބާކާރު ދެ ޓީމެއްގެ ވޮލަންޓިއަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މުންދު ފާހަގަކުރެއްވި ގޮތުގައި ދިވެހި ޑައިވަރުން ދެން މާ ފުނަށް ނުފީނާނެ އެވެ. އެމީހުން ކުރާނީ ކޮންމެހެން ކުރަން ޖެހޭ ރިކްރިއޭޝަނަލް ސްކޫބާ ޑައިވްތައް އެކަނި ކަމަށާއި، ފުނަށް ކުރަން ޖެހޭ ޑައިވްތައް ކުރާނީ ހޮހަޅައަށް ފީނުމުގެ ތަޖުރިބާ އާއި ޓެކްނިކަލް އިކުއިޕްމަންޓާ އެކު އައިސްފައިވާ ފިންލެންޑުގެ ތިން ޑައިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް މީހުންގެ ތެރެއިން އެ ގައުމުގެ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެ ދުވަހު ގާތްގަނޑަކަށް 60 މީޓަރު އަޑިން ހޮހަޅައިގެ ތެރެއިން ފެނިފައިވެ އެވެ.

އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި ބާކީ ތިބި ހަތަރު ޑައިވަރުންވެސް ވީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގަ އެވެ. ގެއްލުނު މި މީހުން ހޯދުމުގެ މަސައްކަތް އިޓަލީގެ "ޑޭން" ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ފަހުގެ ތާރީހެއްގައި ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ސަސްޕެންޑު ކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު