މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މީގެކުރިން ހިނގާފައިވާ ނުރައްކާތެރި އަދި ބޮޑެތި ނުބައި އަމަލުތަކަކީ، މިހާރުގެ ބައެއް ސިޔާސީ ލީޑަރުން ބަލައިގަންނަ އަދި އެ ބޭފުޅުންނަށް "އޯކޭ" ކަންތައްތަކަކަށް ވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިފަދައިން ފާޑުވިދާޅުވީ، ރާއްޖޭގެ ކުރީގެ ތިން ރައީސުން ބޭއްވި ބައްދަލުވުމަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ ބައެއް ބިރުވެރި އަދި ކަޅު ހާދިސާތަކަށް އިޝާރާތް ކުރައްވައި، ކުރިން އެކަންކަމާ ދެކޮޅަށް އަޑުއުފުލި ވެރިންގެ އަމަލުތައް މިއަދު ހުރި ގޮތާ މެދު ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ މައި ވައިގެ ބަނދަރު (އެއާޕޯޓް) ބޭރުގެ ކުންފުންޏަކަށް ދިނުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުން ހިމެނެއެވެ.

މީގެއިތުރުން ޝަރުއީ ދާއިރާއަށް އަތްބޭނުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި ހާދިސާވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގި ވެންޓިލޭޓަރުގެ ވައްކަމުގެ އިތުރުން، ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަވެސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، މިހާރު ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ތިން ރައީސުންނަށް މި ހުރިހާ ނޭދެވޭ ކަންތައްތަކެއްވެސް މިހާރު ވަނީ ގަބޫލުކުރެވޭ "އޯކޭ" ކަންކަމަށް ވެފައެވެ.

އަދި "ކުރިން ކީ ހުރިހާ ޅެމެއް ފަރިއްސަށްވެ ނިމިއްޖެ" ކަމަށް ވިދާޅުވެ، މިއީ އެ ބޭފުޅުންގެ އަމިއްލަ އެދުމާއި މަސްލަހަތު އިސްކުރުމުގެ އިންތިހާ ކަމަށް ސިފަކުރައްވަމުން އަބްދުއްރަހީމް ވަނީ އެ ސިޔާސީ ވެރިންނަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު