އަވީގައި ގިނަ ވަގުތު ހޭދަކުރުމަކީ ގިނަ ބަޔަކު އެހާ ޝައުޤުވެރިވާ ކަމެއް ނޫން
އަވީގައި ގިނަ ވަގުތު ހޭދަކުރުމަކީ ގިނަ ބަޔަކު އެހާ ޝައުޤުވެރިވާ ކަމެއް ނޫން
އަވީގައި ގިނަ ވަގުތު ހޭދަކުރުމަކީ ގިނަ ބަޔަކު އެހާ ޝައުޤުވެރިވާ ކަމެއް ނޫން ނަމަވެސް، ވަޒީފާގެ ގޮތުންނާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށްޓަކައި އަވީގައި ނުވަތަ ކަނޑުމަތީގައި ގިނަ ވަގުތު އުޅެންޖެހޭ ފަރާތްތައް އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ. އިރުގެ ގަދަ ހޫނަށް މާބޮޑަށް ހުށަހެޅިގެން އުޅުމަކީ ހަމުގެ ދުޅަހެޔޮކަމަށް ބަލާއިރު ނުހަނު ގެއްލުން ހުރި ކަމެކެވެ. މިކަމުގެ ސަބަބުން ހަންގަނޑަށް ލިބޭ އުނދަގޫތަކާ ހުރެ، ބައެއް ރޭރޭ އަރާމު ނިދި ލިބުމަށް ހުރަސްތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް އަހަރަކު އެއްފަހަރު ނަމަވެސް އަވިން ފިހުމުގެ މައްސަލަ ދިމާވެއެވެ. މިފަދަ ހާލަތެއްގައި ބޭސްފިހާރައެއް ފަދަ ތަނަކާ ދުރުގައި ހުރިނަމަ، ކަންތައް ކުރާނެ ގޮތެއް ނޭނގި މީހާ ހާސްވާ ގޮތް މެދުރިވެއެވެ.

ތިރީގައި މިވަނީ މިފަދަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ ގުދުރަތީ ބައެއް ފަރުވާތަކެވެ.

އޯޓްސް ބޭނުންކޮށްގެން ފެންވެރުން

އޯޓްސްއަކީ ހަމައެކަނި ހެނދުނުގެ ނާސްތާއަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. މިއީ ހަންގަނޑަށް ފިނިކަން ގެނެސްދިނުމަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ބާލިސް އުރައެއް ފަދަ ތުނި ފޮތިގަނޑަކަށް އޯޓްސް އެޅުމަށްފަހު، ފެންވަރަން ބޭނުންކުރާ ތަށި (bathtub) ތެރެއަށް ލާށެވެ. ބޭނުންކުރާ ފެނަކީ ހޫނު ފެނަކަށް ވެގެން ނުވާނެއެވެ. އަވިން ފިހުމުން އެންމެ މުހިންމު ކަމަކީ ހަށިގަނޑުގެ ހޫނުމިން ދަށްކުރުމެވެ. އެހެންކަމުން، ފިނިފެނުގައި އޯޓްސް ބޭނުންކޮށްގެން 15 މިނެޓު ވަންދެން ހަށިގަނޑު ފޯކޮށްލާށެވެ. ފެންވެރުމަށްފަހު ތުވާލިން ހަންގަނޑު ނުފޮހެ، އަމިއްލައަށް ހިކެންދެން ބަހައްޓާށެވެ. އޭރުން އޯޓްސްގެ މާއްދާތައް ހަންގަނޑަށް ރަނގަޅަށް އަސަރުކުރާނެއެވެ.



އޯޓްސް


ފެނުގެ ތެރެއަށް ބޭކިން ސޯޑާ އެޅުން

ބޭކިން ސޯޑާއަކީ ހަންގަނޑު ރަތްވުމާއި، ދުޅަވުމާއި އަދި ކަހާ ކެހުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފެންވަރާ ފިނިފެން އެއްޗެއްގެ ތެރެއަށް މުށެއްގެ މިންވަރަށް ބޭކިން ސޯޑާ އެޅުމަށްފަހު، 15 ނުވަތަ 20 މިނެޓު ވަންދެން އެ ފެނުގައި ހަށިގަނޑު ފޯކޮށްލާށެވެ. އަދި އޯޓްސް އާއި ބޭކިން ސޯޑާ އެއްކޮށްލައިގެން ބޭނުންކުރުމަކީ ހަންގަނޑަށް ލިބިފައިވާ ގެއްލުންތައް އަވަހަށް ފަސޭހަވުމަށް ލިބޭ އިތުރު ބާރެކެވެ.



ބޭކިން ސޯޑާ


ހުދުވިނިގާ (White Vinegar)

ގޭގައި އާންމުކޮށް ގެންގުޅޭ ހުދުވިނިގާއަކީ "އެސިޓިކް އެސިޑް" އެކުލެވޭ އެއްޗެކެވެ. މިއީ އެސްޕިރިންގައިވެސް ހިމެނޭ މާއްދާއަކަށް ވެފައި، ވޭން ކަނޑުވައިދިނުމަށާއި ކަހާ ކެހުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ބައެއް ޓިޝޫ ނުވަތަ ސާފު ފޮތިކޮޅެއް ވިނިގާގައި ފޯކޮށްލުމަށްފަހު، ހަށިގަނޑުގެ ތަދުވާ ތަންތަނުގައި ބާއްވާށެވެ. އަދި އެ ހިކެންދެން ބަހައްޓާށެވެ. ވިނިގާ ބޭނުންކުރާއިރު ލޯ ކައިރިއަށް ނުޖެހޭނޭހެން ސަމާލުވާންވާނެއެވެ. ވިނިގާގެ ވަސް ދުވާތީ ނުވަތަ ހަންގަނޑުގައި ސީދާ ޖައްސަން ބޭނުން ނުވާނަމަ، ފެންވަރާ ފެން އެތީގެ ތެރެއަށް ޖޯޑެއްގެ ވިނިގާ އަޅައިގެން 20 މިނެޓު ވަންދެން ފެންވަރާށެވެ. އެއަށްފަހު ފިނިފެނުން ހަށިގަނޑު ދޮވެލާށެވެ.



ހުދުވިނިގާ


ޔޯގަޓް

ކުލައާއި ރަހަ ނުލާ ހުންނަ ސާދާ ޔޯގަޓްގައި ހިމެނޭ "ޕްރޯބަޔޮޓިކްސް" އަކީ އަވިން ފިހިފައިވާ ހަންގަނޑު ގުދުރަތީ ގޮތުން ފަސޭހަކޮށްދިނުމަށް ވަރަށް ބޮޑު އެހީއެކެވެ. ހަންގަނޑުގެ ފިހިފައިވާ ތަންތަނުގައި އަތުން ޔޯގަޓް އުނގުޅާށެވެ. އަދި ހަންގަނޑަށް އެ ދަމައިގަންނަންދެން މަޑުކުރާށެވެ. އެއަށްފަހު، ދޮވެނުލައި އަލުން އަނެއްކާވެސް ޔޯގަޓް އުނގުޅާށެވެ. މިގޮތަށް 30 މިނެޓު ވަންދެން އުނގުޅުމުން ހަންގަނޑަށް ބޭނުންވާ ތެތްކަން ލިބި، ޔޯގަޓް ބޯން ކުރުން ހުއްޓޭނެއެވެ. އެ ހިސާބުން ފިނިފެނުން ހަށިގަނޑު ދޮވެލުމަށްފަހު، ލޯޝަނެއް ފަދަ އެއްޗެއް ބޭނުންކުރާށެވެ.



ޔޯގަޓް


ގްރީން ޓީ އިން ފަރުވާ ދިނުން

ގިނަ ވަގުތު އަވީގައި އުޅުމަށްފަހު، ހަންގަނޑަށް ލިބޭ ގެއްލުން ކުޑަކުރުމަށް "އެންޓި-އޮކްސިޑެންޓް" އެކުލެވޭ ގްރީން ޓީ އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ފިނިކޮށްފައި ހުރި ގްރީން ޓީގެ ތެރެއަށް ކަފަކޮޅެއް ގަންބާލުމަށްފަހު، ހަންގަނޑުގައި ޖައްސާށެވެ. ގްރީން ޓީއާ އެކު ފޮނިތޮށި (mint) އެއްކޮށްލުމުން ހަންގަނޑަށް ލިބޭ ފިނިކަން އިތުރުވެގެންދާނެއެވެ. ގޭގައި އާންމުކޮށް ހުންނަ މި ދެ ބާވަތުން ލިބޭ އަވަސް ލުޔާމެދު ތިބާ ހައިރާންވާނެއެވެ.



ގްރީން ޓީ


ކޯދު (Aloe Vera)

ހަށިގަނޑަށް ފައިދާހުރި ގަސްގަހާގެހީގެ ރަސްގެފާނަކީ ކޯދެވެ. މީގެ ފަރުވާދިނުމުގެ ބާރު ވަރަށް ގަދައެވެ. އަވިން ފިހޭ ވަގުތަކީ ކޯދުގަހެއް ކައިރީގައި ހުރި ވަގުތެއްނަމަ ތިބާއަށް ވަރަށް ބޮޑު ލުޔެއް ލިބުނީއެވެ. ކޯދު ފަތެއް ބުރިކޮށްލުމަށްފަހު، އޭގައި ހުންނަ ރީނދޫ ކުލައިގެ ދިޔަވަރު ފިލަންދެން ދޮވެލާށެވެ. އެއަށްފަހު ފަތް މެދުން ފަޅާލައި، އޭގައި ހުންނަ މަޑު ޖެލްކޮޅު ނަގައިގެން ތަދުވާ ތަންތަނުގައި އުނގުޅާށެވެ. 20 މިނެޓު ފަހުން، ތިބާގެ ހަންގަނޑަށް އާ ދިރުމެއް ލިބިފައިވާކަމުގެ އިހުސާސް ކުރެވޭނެއެވެ.



ކޯދު (Aloe Vera)




ކިޔުންތެރިންގެ ހިޔާލު