ކުއްލި ހާލަތްތަކަކީ ބުނެދޭން ނޭނގޭ ވަގުތެއްގައި ދިމާވާ ކަންކަމެވެ. މީގެ ސަބަބުން ކޮންމެ މީހަކުވެސް ނުތަނަވަސްވުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް، ބިރުގަތުމުގެ ސަބަބުން ނިންމޭ ނުބައި ނިންމުންތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެދާނެއެވެ.

ނުވިސްނާ ހުއްޓާ ދިމާވާ ކަންކަމުގައި ކެތްތެރިކަމާއެކު ސިކުނޑި ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ؟

1. ޕްލޭނެއް ނުވަތަ ރޭވުމެއް އޮތުން:

ދިރިއުޅުމުގައާއި މަސައްކަތުގެ މާހައުލުގައިވެސް ކުއްލި ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ރޭވުމެއް އޮތުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް، ކަމެއް ދިމާވެއްޖެނަމަ އެންމެން ބައްދަލުވާނެ ވަކި ތަނެއް ކަނޑައަޅާފައި އޮތުމެވެ. އަދި އެތަނަށް ދާނެ މަގުތައް އެންމެންނަށް އެނގުން މުހިންމެވެ.

2. ސިއްހަތަށް ސަމާލުކަން ދިނުން:

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކުއްލި ހާލަތެއްގައި ހަށިގަނޑާއި ސިކުނޑި ވަރުގަދަކޮށްދޭނެ ކަމެކެވެ. ރަނގަޅަށް ނިދާ، ކައިބޮއި އަދި ކަސްރަތުކުރާ މީހަކަށް، ކާރިސާއެއްގެ ވަގުތުގައި މާ ގިނައިރު ހިފަހައްޓާލެވޭނެއެވެ.

3. ހުއްޓުމެއްނެތި މަސައްކަތްކުރުން:

ހާސްވާ ވަގުތު އެކަމުން ދުރުވުމަށް އޮތް އެންމެ މުހިންމު ކަމަކީ ހަރަކާތްތެރިވެ އުޅުމެވެ. ސިކުނޑި ކަމަކަށް ހުސްކޮށްލުމުން ބިރުގަތުމުގެ ފުރުސަތު ކުޑަވާނެއެވެ. ކުރިމަތިވާ ކަންކަން އެއްކަމަކަށްފަހު އަނެއް ކަމެއް ހައްލުކުރަމުން ކުރިއަށްދާށެވެ.

4. މައުލޫމާތު މުއްސަނދިކުރުން:

ފަސްޓް އެއިޑް ނުވަތަ ފުރަތަމަ އެހީ ދޭނެ ގޮތް ދަސްކޮށްފައި ބެހެއްޓުމަކީ ބޮޑު އެހީއަކަށް ވާނެއެވެ. ފަސްޓް އެއިޑް ކިޓުގައި ހުންނަ ތަކެތީގެ މުއްދަތު ހަމަވޭތޯ ބަލައި، އަބަދުވެސް ތައްޔާރަށް ބަހައްޓާށެވެ.

5. އެހީއަށް އެދުން:

ކުއްލި ހާލަތްތަކުގައި އެކަނި މަސައްކަތް ކުރުމުގެ ބަދަލުގައި އެހެން މީހުންގެ އެހީތެރިކަން ހޯދާށެވެ. ކަންކަން އެކި މީހުންނަށް ބަހާލައިގެން ކުރުމުން ތިމާއަށް އޮންނަ ބުރަ ކުޑަވެ، ކަންކަން ރަނގަޅަށް ހިނގާނެއެވެ.

6. ކާބޯތަކެތި ރައްކާކުރުން:

ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ގިނަ ދުވަހު ހަލާކުނުވެ ހުންނަ ކާނާއާއި ފުޅީގައި ބަންދުކުރި ފެން ރައްކާކޮށްފައި ބެހެއްޓުން މުހިންމެވެ.

7. އަމިއްލަ ނަފްސަށް އިތުބާރުކުރުން:

އެންމެ މުހިންމު ކަމަކީ މި ހާލަތުން އަރައިގަނެވޭނެ ކަމުގެ އިތުބާރު އަމިއްލަ ނަފްސަށް އޮތުމެވެ. ތިމާގެ ނިންމުންތަކަށް އިތުބާރުކޮށް، ކުރަންޖެހޭ ކަންކަން ސާބިތުކަމާއެކު ކުރާށެވެ.

ހަނދާން ބަހައްޓަންޖެހޭ ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކުރެވޭނެ އެންމެ ނުބައި ކަމަކީ ހާސްވެ، ގޮތް ހުސްވެފައި ހުރުމެވެ. ތިމާގެ ހަމަޖެހުން ދެމެހެއްޓުމަކީ ހަމައެކަނި ތިމާގެ ފުރާނައާއި ސިއްހަތު ސަލާމަތްކޮށްދޭނެ ކަމެއް ނޫނެވެ. އެއީ ތިމާގެ ވަށައިގެން ތިބި މީހުންނަށްވެސް އެހީތެރިވެ، އެމީހުންގެ ހިތްވަރު އާލާކޮށްދޭނެ ކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކެތްތެރިކަމާއެކު އަމަލުކުރުމަކީ ކޮންމެ ނުރައްކާތެރި ހާލަތަކުންވެސް އަރައިގަތުމަށް އޮތް އެންމެ ބޮޑު ބާރެވެ.



ކިޔުންތެރިންގެ ހިޔާލު