އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް އައި އިންގިލާބީ ބަދަލެއްގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ އާންމުކޮށް ފެންނަ ހޯރމޯންގެ މައްސަލަ ކަމަށްވާ "ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް"، (ޕީސީއޯއެސް) ގެ ނަން "ޕޮލިއެންޑޯކްރިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް"(ޕީއެމްއޯއެސް) އަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.

ދިހަ އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގެ ޑޮކްޓަރުންނާއި، ދިރާސާވެރިން އަދި ބަލިމީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ގެނެވުނު މި ބަދަލު އިއުލާންކުރީ ޕްރާގްގައި ބޭއްވި ޔޫރަޕިއަން ކޮންގްރެސް އޮފް އެންޑޯކްރިނޮލޮޖީގައެވެ. ހަ ސަރައްހަދެއްގެ މެޑިކަލް ސޮސައިޓީތައް ބައިވެރިވެގެން ގެނައި މި ބަދަލަކީ، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 170 މިލިއަން އަންހެނުންނަށް އަސަރުކުރާ މި ބޮޑު ސިއްހީ މައްސަލަ ދެނެގަތުމާއި ފަރުވާކުރުމުގައި އައި ތާރީޚީ ނިންމުމެކެވެ.

ޕީ.ސީ.އޯ.އެސް އަކީ ދަރިމައިވުމުގެ އުމުރުގެ އަންހެނުންނަށް ދިމާވާ އެންމެ އާންމު ހޯރމޯން މައްސަލަކަމަށް ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަށް އަންހެނަކުން އެކަކަށް މި ބަލީގެ އަސަރު ފޯރައެވެ. މި ބަލީގެ ސަބަބުން މައްސަރުކަންތައް ގަވާއިދުން ނުވުމާއި، ދަރިމައިވުމަށް ދަތިވުމާއި، މޫނާއި ހަށިގަނޑުގައި އިސްތިށި ގިނަވުމާއި، ބަރުދަން އިތުރުވުން ފަދަ ތަފާތު އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް ބަލީގެ ނުރައްކާ ހަމައެކަނި ބޭރުފުށުން ފެންނަ އަލާމާތްތަކަކަށް ހުއްޓިފައެއް ނުވެއެވެ. މިއީ ހަށިގަނޑުގެ އިންސިއުލިން ރެސިސްޓެންސްއާ ގުޅިފައިވާ ކަމަކަށްވާތީ، މުސްތަގުބަލުގައި ޓައިޕް 2 ހަކުރު ބައްޔާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު މި ބަލީގެ ސަބަބުން އިތުރުވެގެންދެއެވެ.

މި ބަލީގެ ނަން ބަދަލުކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ "ޕޮލިސިސްޓިކް" މި ނަމަކީ ސިއްހީ ގޮތުން ބަލާއިރު އޮޅުން އަރާ ނަމަކަށް ވާތީއެވެ. ބަލީގެ ނަމުގައި "ސިސްޓް" ހިމެނުނަސް، އޯވަރީގައި ހުންނަނީ ހަގީގީ ސިސްޓްތަކެއް ނޫން ކަމަށާއި، އެއީ ފުރިހަމަނުވާ ކުދި ފޮލިކަލްތަކެއް ކަމަށް މާހިރުން ވިދާޅުވެއެވެ. އަދި ބައެއް އަންހެނުންގެ އޯވަރީގައި މިފަދަ ފޮލިކަލްތައް ނެތް ނަމަވެސް، ބަލީގެ އެހެނިހެން އަލާމާތްތައް ފެންނާތީ މި ބަލި ޑައިގްނޯސް ކުރެވެއެވެ.

ކުރީގެ ނަމުގެ ސަބަބުން މިއީ ހަމައެކަނި އޯވަރީ ނުވަތަ ދަރިމައިވުމުގެ ނިޒާމަށް ހަނިވެފައިވާ މައްސަލައެއް ކަމަށް ދެކެވުނު ނަމަވެސް، ހަގީގަތުގައި މިއީ ހޯރމޯންތަކަށާއި، މެޓަބޮލިޒަމަށާއި، ހިތުގެ ސިއްހަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާ ބައްޔެކެވެ.

އައު ނަން ކަމަށްވާ "ޕޮލިއެންޑޯކްރިން މެޓަބޮލިކް އޯވޭރިއަން ސިންޑްރޯމް" (ޕީއެމްއޯއެސް) ހޮވާފައިވަނީ ބަލީގެ ފުންމިނާއި އޭގެ ފުޅާދާއިރާ ވަރަށް ފުރިހަމައަށް ސިފަކޮށްދޭ ގޮތަށެވެ. "ޕޮލިއެންޑޯކްރިން" މި ލަފުޒުން ދޭހަކޮށްދެނީ މިއީ ހަށިގަނޑުގެ ގިނަ ހޯރމޯން ނިޒާމުތަކަކަށް އަސަރުކުރާ ބައްޔެއް ކަމެވެ. "މެޓަބޮލިކް" އިން އަންގައިދެނީ މެޓަބޮލިޒަމަށް އަންނަ ބަދަލުތަކާއި ހަކުރު ބައްޔަށް އޮންނަ ނުރައްކަލެވެ. "އޯވޭރިއަން" މި ލަފުޒު ހިމެނީ ދަރިމައިވުމަށް ކުރާ އަސަރު ބަޔާންކުރުމަށެވެ. އަދި "ސިންޑްރޯމް" ބޭނުންކުރީ މިއީ އެކި އަލާމާތްތައް އެކުލެވިގެންވާ ހާލަތަކަށް ވާތީއެވެ. މި އައު ނަމުގެ ސަބަބުން، މިއީ މުޅި ހަށިގަނޑުގެ އެންޑޯކްރިން އަދި މެޓަބޮލިކް ނިޒާމަށް އަސަރުކުރާ ބައްޔެއްކަން މިހާރު ވަރަށް ސާފުވެއެވެ.

ބަލިމީހުންނަށް މި ބަދަލުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ބައްޔާ މެދު ޑޮކްޓަރުން ފަރުވާދޭ ގޮތަށް އަންނާނެ ހެޔޮ ބަދަލެވެ. ބަލި ދެނެގަންނަ މިންގަނޑުތަކަށް ވަގުތުން ބަދަލެއް ނާންނާނެ ނަމަވެސް، ހަމައެކަނި ދަރިމައިވުމުގެ މައްސަލަތަކަށް ބެލުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި، ނަފްސާނީ ސިއްހަތަށާއި، ދިގު މުއްދަތުގެ ބަލިތަކުން ރައްކާތެރިވުމަށް ޑޮކްޓަރުން މިހާރު އިސްކަންދޭނެއެވެ. މިއީ ބަލިމީހުންގެ ކަންބޮޑުވުންތައް ބަލައިގަނެ، އެކަށީގެންވާ ފުރިހަމަ ފަރުވާ ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު