، ސީ. ޖޯސެފް ވިޖޭ
، ސީ. ޖޯސެފް ވިޖޭ
ޓަމިލް ނާޑޫގެ އައު ޗީފް މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު، ސީ. ޖޯސެފް ވިޖޭ ތަލަޕަތީ ވިދާޅުވީ އޭނާގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަމުންދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.

ނަމަވެސް، އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ދައުލަތުގެ މާލީ ހާލަތު އޮތްގޮތް ސާފުކޮށްދިނުމަށްޓަކައި "ވައިޓް ޕޭޕަރ" އެއް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ. ވިޖޭ ފާހަގަކުރެއްވި ގޮތުގައި އޭނާ މަގާމާ ހަވާލުވިއިރު ޓަމިލް ނާޑޫގެ ދަރަނި ވަނީ 10 ލައްކަ ކްރޯޑް ރުޕީސްއަށް ވުރެ މައްޗަށް ގޮސްފައެވެ.

އެހެންކަމުން، ސަރުކާރުގެ ހަގީގީ ހާލަތު ރައްޔިތުންނަށް ހާމަކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަކީ އޭނާގެ އެންމެ އިސް އަމާޒެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވިޖޭ ވަނީ މުހިންމު ތިން ނިންމުމެއްގައި ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ގޭބިސީތަކުން ބޭނުންކުރާ ކަރަންޓުން ވަކި މިންވަރެއް ހިލޭ ދިނުމާއި، އަންހެނުންގެ ރައްކާތެރިކަމަށްޓަކައި "ސިންގަޕެން" ނަމުގައި ހާއްސަ ޓާސްކް ފޯހެއް އުފެއްދުމާއި، އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ހާއްސަ ޔުނިޓްތަކެއް ހުރިހާ ސިޓީއެއްގައި ގާއިމުކުރުން ހިމެނެއެވެ.

ވިޖޭ ވިދާޅުވީ އަންހެނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާނެ ކަމަށާއި، މަސްތުވާތަކެތީގެ ވަބާ ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިޖޭ ވިދާޅުވީ އޭނާގެ ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. "އަޅުގަނޑު ކުރިންވެސް ބުނި ފަދައިން، އާންމުންގެ ފައިސާގެ އެންމެ ލާރިއެއްގައިވެސް އަޅުގަނޑު އަތެއް ނުލާނަން. އަޅުގަނޑަކަށް އެ ފައިސާއެއް ބޭނުމެއް ނޫން،" ވިޖޭ ވިދާޅުވިއެވެ.

އަދި ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދަން ބޭނުންވާ ފަރާތްތަކުން އެ ހިޔާލު މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ. ވިޖޭގެ މި ވާހަކަފުޅުތަކާއެކު، ޓަމިލް ނާޑޫއަށް އައު އުއްމީދީ ދައުރެއް ފެށިގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު