މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަންސް ކްލަބުގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އާސިފް އިސްކޮށް ހުންނަވާ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200,000 އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައެކެވެ. މި ތުހުމަތާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު، އޭނާ ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި ނިންމުން ބާތިލްކުރުމަށް އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު، ކޯޓުން ކުރި ހުކުމްގައި ވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން، އާސިފް ކުރިން ހުންނެވި އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމު އޭނާއަށް އަލުން ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އާސިފްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ ބަލަންޖެހޭ ކަންކަން ފުރިހަމައަށް ނުބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ދިޔަ މުއްދަތުގައި، އެ މަގާމަށް އިތުރު މީހަކު އައްޔަންކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ކުރިން އަމުރެއް ނެރުއްވާފައިވެއެވެ. އެހެންކަމުން، މައްސަލަ ނިމެންދެން އެ މަގާމު އޮތީ ހުސްކޮށެވެ.



ކިޔުންތެރިންގެ ހިޔާލު