އެކުވެރިންތަކެއް އެކީގައި ރޭގަނޑުގެ ކެއުމެއްގައި: މިފަދަ އެއްވުންތަކަކީ ގުޅުން ބަދަހި ކުރުމަށް މުހިއްމު ކަންތައްތަކެއް، މިއީ ދިވެހި މުޖުތަމަޢުންވެސް ވަރަށް ގިނައިން ފެންނަ މަންޒަރެއް
އެކުވެރިންތަކެއް އެކީގައި ރޭގަނޑުގެ ކެއުމެއްގައި: މިފަދަ އެއްވުންތަކަކީ ގުޅުން ބަދަހި ކުރުމަށް މުހިއްމު ކަންތައްތަކެއް، މިއީ ދިވެހި މުޖުތަމަޢުންވެސް ވަރަށް ގިނައިން ފެންނަ މަންޒަރެއް
އަބަދުވެސް އިސްވެ އެކުވެރިންނަށް ގުޅަނީ ތިބާ ހެއްޔެވެ؟ އެކަން އެގޮތަށް ދާނަމަ އެއީ ހަމައެކަނި ތިބާގެ އެކުވެރިންނަށް ވަގުތު ނުވަނީ ކަމަށް ނިންމައިގެން ނުވާނެއެވެ. ތިބާއަށް އެއެކުވެރިންނަށް ގުޅަން ވަގުތު ވާގޮތަށް އެބައިމީހުންނަށްވެސް ވަގުތު ވާންޖެހޭނެކަން ދަންނާށެވެ. ގިނަ އެކުވެރިކަމުގެ ގުޅުންތަކަކީ ސީދާ ދެބައިހަމަ (50/50) ގުޅުންތަކަކަށް ނުވެދާނެއެވެ. ނަމަވެސް، އެފަދަ ގުޅުންތައް ދެމިއޮންނަނީ ދެމީހުންގެ މެދުގައި އޮންނަ ނުދެކެވޭ އެއްބަސްވުމެއްގެ މައްޗަށެވެ. އެއީ ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތު ދިނުމާއި، ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމެވެ. މި ހަމަހަމަކަން ގެއްލި، ހަމައެކަނި އެކަކު މަސައްކަތްކުރާހެން ހީވާން ފަށައިފިނަމަ، އެއީ ފުންކޮށް އެމީހަކު ވިސްނާލަންޖެހޭ ކަމެކެވެ.

ހަގީގީ އެކުވެރިކަމަކީ އަދި އެގުޅުން ހަރުދަނާކަންމަތީ ދެމިތިބެވޭނީ އެއީ އެއް ރަށެއްގައި ނުވަތަ އެއްފަސްގަނޑެއްގައި އުޅޭނަމަ އެކަކު އަނެކަކަށް ވަގުތުވީ ވަރަކުން ޒިޔާރަތްކޮށް ވީހާވެސް ގާތުން އެކުވެރިޔާގެ ހާލުބަލައި އެކުވެރިޔާ ދިރިއުޅުމުގައި ހުރި ދަތި އުދަގޫތައް ދަނެގަނެ އެކަމަށް އިސްނަގައިގެން ލުއެއް ހޯދައިދެވޭތޯ މަސައްކަތް ކުރުމެވެ. ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ އެކުވެރިންގެ ތެރޭގައިވެސް ދިރިއުޅުމުގެ ހާލަތު ތަފާތު ވެދާނެ ކަމެވެ. އެއްބަޔަކަށް ލިބިފައިހުރި ތަނަވަސްކަމާއެކު ދިރިއުޅުން ފަސޭހަވެދާނެއެވެ. އަނެއްބަޔަކަށް ދިރިއުޅުން އެހާ ފަސޭހަ ނުވެދާނެއެވެ. މިދެންނެވިހެން ކޮންމެ ހާލަތެއްގައިވެސް ގާތް ރައްޓެހިން ނުވަތަ އެކުވެރިންނަށް ޒިޔާރަށް ނުކުރެވުނު ކަމުގައިވިޔަސް ގުޅާލައި ހާލުބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެކުވެރިކަމުގެ ގުޅުމުގައި އެއްކޮޅަށް ބުރަވެފައިވާކަން ފާހަގަވާނީ ކުދިކުދި ކަންތައްތަކުންނެވެ. ފޮނުވާފައިވާ މެސެޖުތަކަށް ބަލާލާއިރު، އަބަދުވެސް ވާހަކަ ދައްކަން ފަށާފައިވަނީ ތިބާކަން ފާހަގަވެދާނެއެވެ. އެމީހުން ތިބާއަށް ގުޅަނީ ހަމައެކަނި ފޫހިވާ ވަގުތުތަކުގައި ނުވަތަ އެމީހުންނަށް ފަސޭހަ ވަގުތެއްގައެވެ. އަދި އެހެން މީހުންނަށް ވަގުތު ދިނުމުގައި އެމީހުންނަށް އެއްވެސް ދަތިކަމެއް ނެތްކަން ފެނުމުން، ހިތަށް އިތުރު ތަދު އިހްސާސް ކުރެވޭނެއެވެ.

އިންސާފުން ބަލާއިރު، ދިރިއުޅުމުގެ ބުރަކަމާއި، ވަގުތު ނެތުމުގެ ސަބަބުން އަބަދު އެކުވެރިންނަށް ވަގުތު ނުދެވިދާނެއެވެ. ނަމަވެސް، "ކިހިނެއްތަ؟" އަހާލާނެ މެސެޖަކަށް ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަންޖެހުމަކީ ދެރަވާނެ ކަމެކެވެ. މިއީ ވަގުތީ ކަމެއްތޯ ނުވަތަ ސިއްހީ ގޮތުން ދުޅަހެޔޮ ނޫން އެއްކޮޅަށް ބުރަވެފައިވާ ގުޅުމެއްތޯ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ނަފްސާނީ އިލްމުވެރިން ފާހަގަކުރާ މައިގަނޑު ނިޝާންތައް ތިރީގައި އެވަނީއެވެ.

1. އެމީހުން ދުވަހަކުވެސް އިސްވެ ނުގުޅާނެ

ތިބާގެ މެސެޖުތަކަށް ބަލާލަބަލާށެވެ. އަބަދުވެސް ފުރަތަމަ މެސެޖު ކުރަނީ ތިބާ ހެއްޔެވެ؟ އެންމެ ފަހުން އެމީހުން ބައްދަލުކުރަން އެދުނީ ކޮން އިރަކު ހެއްޔެވެ؟ ތިބާ އިސްވެ ނުގުޅާ މަޑުކޮށްލުމުން، އެމީހުން ގުޅަން ކިހާ ދުވަހެއް ނަގާތޯ ބަލާލެވިދާނެއެވެ. ހަފުތާތަކެއް ނުވަތަ މަސްތަކެއް ފާއިތުވެގެންދާއިރުވެސް ހަބަރެއް ނުވާނަމަ، އެ ގުޅުން ދަމަހައްޓަނީ ހަމައެކަނި ތިބާކަން އެނގިގެންދާނެއެވެ.

2. އެމީހުންގެ މައްސަލަތަކުގައި އެހީތެރިކަން ހޯދާފައި، ތިބާގެ މައްސަލަތަކުގައި އަޅާނުލުން

އެކުވެރިންގެ ގާތުގައި ހިތުގެ އުދާސްތައް ބޭރުކުރުމަކީ ގުޅުން ބަދަހިވާ ކަމެކެވެ. ނަމަވެސް އެއީ ދެފަރާތުންވެސް ކުރަންޖެހޭ ކަމެކެވެ. ބައެއް މީހުން އެމީހުންގެ ހުރިހާ މައްސަލަތަކެއް ތިބާގެ ބޮލަށް އޮއްސާލާއިރު، ތިބާގެ ވާހަކައެއް އަޑުއަހާކަށް ވަގުތެއް ނޯވެއެވެ. އެފަދަ މީހުން ތިބާ ބޭނުންކުރަނީ "އޮން-ކޯލް" ތެރަޕިސްޓެއްގެ ގޮތުގައެވެ. މިއީ ތިބާގެ ހަކަތަ ހުސްކޮށްލާ، ތިބާއަށް އަޅާނުލާކަމުގެ އިހުސާސް ކުރުވާނެ ކަމެކެވެ.

3. ބައްދަލުކުރަނީ ހަމައެކަނި އެމީހުންނަށް ފަސޭހަ ވަގުތަކު

ބައްދަލުކުރަން އެދޭނީ ހަމައެކަނި އެމީހުންގެ ގޭ ކައިރިން ނުވަތަ އެމީހުންނަށް އެންމެ ފަސޭހަ ތަނަކުންނެވެ. ނުވަތަ އެހެން ރޭވުންތަކެއް ކެންސަލްވުމުން، ދެން ކުރާނެ ކަމެއް ނެތިގެން ތިބާއަށް ގުޅާފާނެއެވެ. މިއީ ތިބާއަކީ އެމީހުންގެ އިސްކަންދޭ މީހަކަށްވުރެ ބޮޑަށް، ފޫހިފިލުވަން ހުންނަ އިތުރު މީހެއްގެ ގޮތުގައި އިހުސާސްކުރުވާ ކަމެކެވެ. ދުޅަހެޔޮ ގުޅުމެއްގައި ދެމީހުންވެސް ދޫދޭން ޖެހޭނެއެވެ.

4. އެހެން އެންމެންނަށް ވަގުތު ހޯދުން

ތިބާގެ އެކުވެރިޔާއަކީ މަސައްކަތުގައި ބިޒީ މީހަކަށް ވެދާނެއެވެ. ނަމަވެސް، ތިބާއަށް މެސެޖުކުރަން ވަގުތު ނެތް މީހާ، އެހެން މީހުންނާއެކު ކައިބޮއި ހަދާ މަންޒަރު ސޯޝަލް މީޑިއާއިން ފެންނަނަމަ، އެއީ ވިސްނާލަންޖެހޭ ކަމެކެވެ. އެމީހުންނަށް ވަގުތު ހޯދޭކަން އެބަ އެނގެއެވެ. ނަމަވެސް އެ ވަގުތު ތިބާއަށް ދޭން ބޭނުން ނުވަނީއެވެ.

5. މުހިންމު ވަގުތުތަކުގައި ގާތުގައި ނުވުން

ތިބާގެ ދިރިއުޅުމުގެ ބޮޑެތި ކާމިޔާބީތަކާއި، ހިތާމަވެރި ދަނޑިވަޅުތަކުގައި ހަގީގީ އެކުވެރިން ގާތުގައި ތިބޭނެއެވެ. ނަމަވެސް އެއްކޮޅަށް ބުރަވެފައިވާ ގުޅުމެއްގައި، ތިބާގެ އުފަންދުވަސް ހަނދާން ނެތުމާއި، މުހިންމު ކަންކަމުގައި ހިތްވަރު ދިނުމުގެ ބަދަލުގައި އެކަންކަމަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކުން ފަދަ ކަންކަން ފެންނާނެއެވެ.

މިފަދަ ގުޅުމެއްގައި ހުރެވުނަމަ ހަދާނީ ކިހިނެއް؟

މިކަމާ ބެހޭގޮތުން ހަމަޖެހިގެން ވާހަކަދެއްކުމަށް ނަފްސާނީ އިލްމުވެރިން ލަފާދެއެވެ. މިސާލަކަށް: "އަހަރެމެންގެ ގުޅުމަށް މިހާރު ކޮންމެވެސް ބަދަލެއް އައިސްފައިވާހެން ހީވޭ، ހުރިހާ ކަމެއް ރަނގަޅުތަ؟" ނުވަތަ "އަހަރެންނަށް ހީވަނީ ގިނައިން ވާހަކަ ދައްކަން މި އުޅެނީ އަހަރެންހެން، އެކަމާ ދެރަވޭ." މިފަދައިން ބުނެވިދާނެއެވެ.

އެމީހުންގެ ޖަވާބުން އެމީހުން އެ ގުޅުން އިސްލާހުކުރަން ބޭނުންވޭތޯ އެނގޭނެއެވެ. އެކަކަށްވެސް ގަދަކަމުން އެކުވެރިއަކަށް ނުވެވޭނެއެވެ. އެހެންކަމުން، ތިބާއަށް އަގުވަޒަންކުރާ އަދި ވަގުތުދޭ މީހުންނަށް އިސްކަންދޭށެވެ. އެކުވެރިކަމަކީ ދެމީހުންގެ މަސައްކަތުން ދެމެހެއްޓޭނެ އެއްޗެކެވެ.



ކިޔުންތެރިންގެ ހިޔާލު