އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް-
ކޯޓުން ނެރުނު އެންމެ އަމުރަކުން މުޅި ދިވެހި ރައްޔިތުންގެ ދޫ ބަންދުކޮށްލާފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފައްޔާޒް މިހެން ވިދާޅުވީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލާގައި 'އަދަދު' ނޫހުގެ ސީއީއޯ ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކޯޓުން އަމުރު ނެރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒް ވިދާޅުވީ އެންމެ 14 ދުވަހުގެ ތެރޭގައި "ހަވާ ފަޓާސްބަރިއެއްހެން" ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު ނޫސްވެރިންނަށް ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުމަކީ ހުދުމުހުތާރު ވެރިންގެ ސިފައެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްރު ޝަރީއަތެއް ހިންގައި ނޫސްވެރިން ޖަލަށް ލުމަށް މަސައްކަތް ކުރެއްވުމަކީ ބިރުވެރިކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"މި ޝަރީއަތް ފެށުމުގެ ކުރިން ވަކި ގޮތެއް ނިމިފައި އޮތް މަންޒަރު ދިވެހިންނަށް ސާފުކޮށް ފެނޭ. ރައްޔިތުން ތިބީ ނޫސްވެރިންނާއެކު،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ވެރިޔަކަށް ހުންނަ މީހަކު ބޭނުންވުމުން އާންމު ރައްޔިތުންނަށް އަދަބު ނުދެވޭނެ ގޮތަށް ގާނޫނީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ "އައިޝާ" ޑޮކިއުމެންޓަރީ ދައުރުކުރުމާއި، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް އެއްވެސް ސިފައެއްގައި ދެއްކުން މުޅިން މަނާކޮށްފައެވެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑަށް ރިއާޔަތްކޮށް މި ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ. މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމަށްވެސް އެ އަމުރުގައި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު