އަމިއްލައަށް އުނގެނުމަކީ މަތީ ސާނަވީ ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި ކާމިޔާބީ އާހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް
އަމިއްލައަށް އުނގެނުމަކީ މަތީ ސާނަވީ ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި ކާމިޔާބީ އާހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް
މަތީ ސާނަވީ ދަރިވަރުންގެ ތަޢުލީމީ ޙަޔާތުގައި އަމިއްލައަށް އުނގެނުމަކީ ކާމިޔާބީގެ އެންމެ މުހިންމު ބަހާއެވެ. މިއަދުގެ ތަހުޒީބީ މުޖުތަމައުގައި، މިއީ ހަމައެކަނި އިތުރު ވަސީލަތެއް ނޫނެވެ. އެހެނަސް، މިއީ ފުރިހަމަ ތައުލީމެއް ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި، އަގުހުރި ހުނަރެކެވެ. އަމިއްލައަށް އުނގެނުމަކީ މުދައްރިސެއްގެ ސީދާ އިރުޝާދާ ނުލައި، އަމިއްލަ އިސްނެގުމާއެކު އިލްމާއި ހުނަރު ހޯދުމުގެ މަރުހަލާއެވެ. ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް ކުރިއަރާފައިވާ މި ޒަމާނުގައި، މިއީ ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމުގެ އިތުރުން، އެކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ޚާއްޞަކޮށް ސާނަވީ އަދި މަތީ ސާނަވީ މަރުހަލާގެ ދަރިވަރުންނަށް އަމިއްލައަށް އުނގެނުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. މި މަރުހަލާއަކީ މަތީ ތައުލީމާއި އަމަލީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރުވާ ދުވަސްވަރަށް ވުމާއެކު، އަމިއްލައަށް ކަންކަން ދަސްކުރުމުގެ ގާބިލުކަން ހުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ގިނަ ފަހަރަށް ދަރިވަރުންނަށް ހީވެފައި އޮންނަނީ ޓިއުޝަން ކްލާސްތަކަށް ދިއުމަކީ ރަނގަޅު ނަތީޖާއެއް ހޯދުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ. ނަމަވެސް ހަގީގަތަކީ، ކިތަންމެ ގިނަ ޓިއުޝަންތަކެއް ނެގި ކަމުގައިވިޔަސް، ގޭގައި އަމިއްލައަށް ފިލާވަޅުތައް މުޠާލިއާކޮށް، ދިރާސާކުރުމަށް ވަގުތު ހޭދަނުކުރާނަމަ، އެދެވޭ ނަތީޖާއެއް ހާސިލެއް ނުކުރެވޭނެއެވެ. ޓިއުޝަނަކީ ހަމައެކަނި އެހީތެރިވެދޭ ވަސީލަތެކެވެ. ނަމަވެސް ހަގީގީ އުނގެނުން ހިނގަނީ ދަރިވަރު އަމިއްލައަށް ފޮތްތަކާއި ފިލާވަޅުތަކަށް ސަމާލުކަންދީގެން ކުރާ މަސައްކަތުންނެވެ.

އަމިއްލައަށް އުނގެނުމުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި މިނިވަންކަމާއެކު ވިސްނުމުގެ ހުނަރު ތަރައްގީވެއެވެ. މީގެ ސަބަބުން މައުލޫމާތު ހޯދާނެ ގޮތާއި، މައްސަލަތައް އަމިއްލައަށް ހައްލުކުރާނެ ގޮތް ދަސްވެގެންދެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، މަތީ ތައުލީމުގެ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އެކުދިން ތައްޔާރުވެއެވެ. ހަގީގަތުގައި، ގޭގައި އަމިއްލައަށް ކިޔެވުމަށް ވަގުތު ހޭދަކޮށް، ފިލާވަޅުތައް ފުންކޮށް ދިރާސާކުރާ ދަރިވަރަކަށް އިތުރު ޓިއުޝަނެއްގެ ބޭނުމެއް ނެތެވެ. ސަބަބަކީ އެ ދަރިވަރަކު އަމިއްލައަށް ކަންކަން އޮޅުންފިލުވުމުގެ ހުނަރު އަށަގަންނުވާފައިވާތީއެވެ.

މީގެ އިތުރުން، އަމިއްލައަށް އުނގެނުމުގެ ސަބަބުން ވަގުތު މެނޭޖުކުރުމުގެ ހުނަރާއި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ސިފަ އަށަގަނެއެވެ. މުދައްރިސެއް ނުވަތަ ބެލެނިވެރިއެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލައަށް ތާވަލު ހަދައިގެން ކިޔަވާ ދަރިވަރުން، ޒިންމާދާރުވުމަށް ދަސްކުރެއެވެ. މިއީ ތައުލީމީ މަރުހަލާގެ އިތުރުން، އަމަލީ ދިރިއުޅުމުގައިވެސް ނުހަނު ބޭނުންތެރި ސިފަތަކެކެވެ. އަމިއްލައަށް ހޯދައި ބަލައިގެން އުނގެނުމަކީ ކަންކަމާ މެދު ފުންކޮށް ވިސްނުމަށާއި، މައުލޫމާތުތައް ހަނދާނުގައި ބެހެއްޓުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ކަންތަކެވެ.

ނިންމާލަމުން ދަންނަވާނީ، އަމިއްލައަށް އުނގެނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި، ކަންކަން ފުންކޮށް ދެނެގަތުމަށް މަގުފަހިކޮށްދޭ އަގުހުރި ހުނަރެކެވެ. ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް މިއީ އެންމެ މުހިންމު ސިފައެވެ. ޓިއުޝަނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ އިސްނެގުމާއެކު ކިޔެވުމަށް ވަގުތު ހޭދަކުރުމަކީ ތައުލީމީ ކާމިޔާބީގެ އަސްލެވެ. ހަލުވިކަމާއެކު ބަދަލުވަމުންދާ މިއަދުގެ ދުނިޔޭގައި، އަމިއްލައަށް އުނގެނުމުގެ ގާބިލުކަމަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައިވެސް ހުންނަންޖެހޭނެ، މުޅި އުމުރަށް ފައިދާކުރާނެ މަތިވެރި ސިފައެކެވެ.



ކިޔުންތެރިންގެ ހިޔާލު