ގަދަ ހޫނުގެ އާލަމެއްގައި ދުވަސްތައް ހޭދަކުރުމަށްފަހު، ކުއްލިއަކަށް އަންނަ ވާރޭކޮޅަކީ ހިތަށް ފިނިކަން ގެނެސްދޭ، އުންމީދީ ކަމެކެވެ. ނަމަވެސް، މި ފިނިކަމާއެކު ސިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްޙީ މާހިރުން އިންޒާރު ދެއެވެ. ހޫނުގަދަ ދުވަސްވަރަކަށްފަހު ވެހޭ ފުރަތަމަ ވާރެޔާއެކު ގިނަ ބަޔަކު ބަލިވަނީ ކީއްވެގެންކަމާއި، މިކަމުން ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ހޫނުގަދަ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ހަށިގަނޑު ހުންނަނީ ވަކި ފިނިހޫނުމިނަކަށް އާދަވެފައެވެ. ނަމަވެސް ކުއްލިއަކަށް ވާރޭވެހި، ފިނިހޫނުމިން ދަށްވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ބަދަލަށް ހޭނުމަށް ވަގުތު ބޭނުންވެއެވެ. މި ބަދަލުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ވައިރަސްތަކާއި ބެކްޓީރިއާތަކަށް ހަށިގަނޑަށް ހަމަލާދިނުމުގެ ފުރުސަތު ފަހިވެއެވެ. މީގެ ސަބަބުން އަރިދަފުސް ރޯގާއާއި، ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ފެތުރުން އަވަސްވެއެވެ.

ނޭވާލާ ނިޒާމުގެ މައްސަލަތަކަކީ މިފަދަ ދުވަސްވަރު އެންމެ އާންމުކޮށް ފެންނަ އެއް މައްސަލައެވެ. ހޫނުގަދަ ދުވަސްވަރު ޖައްވުގެ ތެރޭގައި ހުންނަ ހިރަފުހާއި، އެކި ކަހަލަ ތަޣައްޔަރުވެފައިވާ މާއްދާތައް ވާރޭވެހުމުން ތެމި، ބަރުވެގެން ބިމާ ގާތަށް ތިރިވެއެވެ. އަދި ވައިގެ ތެރޭގައި ތެތްކަން އިތުރުވުމުން، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށާއި، ނޭވާ ހިއްލާ މީހުންނަށް ނޭވާލުމަށް އުނދަގޫވެ، ބަލި ބޮޑުވުމަށް މެދުވެރިވެއެވެ.

މީގެ އިތުރުން، ވާރޭވެހުމާއެކު ތެތްކަން އިތުރުވުމަކީ ހަމުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ހާއްސަކޮށް ފަންގަލް އިންފެކްޝަންތަކާއި ބެކްޓީރިއަލް އިންފެކްޝަންތައް ފެތުރުމަށް މިއީ އެންމެ ފަހި މާހައުލެވެ. ފައިގެ އިނގިލިތަކުގެ ދޭތެރެ ފަދަ ތަންތަނުގައި ފަންގަސް އުފެދުމާއި، ހަންގަނޑު ކަހައި ބަލިވުމަކީ މި ދުވަސްވަރު ސަމާލުވާންޖެހޭ ކަމެކެވެ. ހަމަ އެހެންމެ، ވާރޭގެ ފެނުގެ ސަބަބުން ފެން ތަޣައްޔަރުވެ، ބަނޑުގެ ބަލިތައް ކަމަށްވާ ހޮޑާއި ބޭރަށް ހިންގުން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކަކީ ވެސް މި ދުވަސްވަރުގެ ބޮޑު ބިރެކެވެ. ވާރޭވެހި ތަންތަނުގައި ފެން ހަރުލުމުން، މަދިރި އާލާވުމަށް ފުރުސަތު ލިބެއެވެ. މީގެ ސަބަބުން ޑެންގީ ހުން ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން އިތުރުވެގެންދެއެވެ. ގަދަ ހޫނަށްފަހު އަންނަ މި ބަދަލާއެކު، ތިމާވެށީގައި ބަލި ފަތުރާ ޖަރާސީމުތަކާއި ސޫފިތައް އާލާވުން އަވަސްވެއެވެ.

މިކަންކަމުން ރައްކާތެރިވުމަށްޓަކައި ބައެއް މުހިންމު ފިޔަވަޅުތައް އެޅިދާނެއެވެ. އޭގެ ތެރޭގައި، ވާރެޔާ ނުތެމި ސަލާމަތްވުމާއި، ތެމިއްޖެ ނަމަ ވީހާވެސް އަވަހަކަށް ފެންވަރައި ހަށިގަނޑު ހިއްކުމާއި، ހޫނު ބުއިންތައް ބޭނުންކުރުން ހިމެނެއެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ވިޓަމިން-ސީ އެކުލެވޭ ކާނާ ބޭނުންކުރުމާއި، ގިނައިން ފެން ބުއިމަކީ ބަލިތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ހޫނަށްފަހު ވެހޭ ވާރެޔަކީ ހިތްފަސޭހަ ކަމެއް ނަމަވެސް، ސިއްޙަތަށް އިސްކަންދީގެން އުޅުމަކީ ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ހައްލެވެ.



ކިޔުންތެރިންގެ ހިޔާލު