ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަލިކަށިވެ، ގޮތް ހުސްވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސަރުކާރަށާއި އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު އައްބާސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ނާގާބިލުކަން ރައްޔިތުންނަށް މިއަށްވުރެ ބޮޑަށް ހާމަވެގެންދާނީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުން ނެތް ނަމަ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ފެންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކަކު "ނޮޅާ ކަމުންދާ" މަންޒަރު ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އައްބާސް ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން، ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްޤުތަކެއް ގެއްލިގެންދާއިރުވެސް އެކަން ހުއްޓުވޭނެ ފަރާތެއް ނެތެވެ. އަދި ދައުލަތުގެ ތިން ބާރު މަސްހުނިވެ، ޤައުމެއްގެ ސިފަ ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

"ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ވެރިން ވިސްނާ ފިކުރު ކުރާކަށް ނުވޭތޯ؟" އައްބާސް ސުވާލު ކުރެއްވިއެވެ.

މި ޕޯސްޓުގައި އޭނާ ވަނީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބޮޑެތި ތުހުމަތުތަކެއް މިހާރުގެ ވެރިންނަށް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، ޤައުމުގެ އެންމެ މަތީ ވެރިޔާއާ މެދު ޒިނޭގެ ތުހުމަތު ކުރެވޭ ފަދަ ޒަމާނެއް ދިވެހިން ދުވަހަކުވެސް ދެކެފައިވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މެންބަރު އައްބާސްގެ މި ވާހަކަތަކާއެކު ސިޔާސީ މަޝްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި ވާހަކަތައް ދޮގުކުރަމުންދާއިރު، ގިނަ ބަޔަކު ދަނީ ޤައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު