އައްޑޫ ސިޓީ-
އައްޑޫ ސިޓީ-
އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ ވިޔަފާރި ފޯރަމެއް މި މަހުގެ 14 އަދި 15 ވަނަ ދުވަހު އައްޑޫގައި ބޭއްވުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މި އަހަރާއި އަންނަ އަހަރަކީ އައްޑޫ ސިޓީގެ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާފައިވާ އަހަރުތަކެއް ކަމަށެވެ. އެގޮތުން އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ޚާއްޞަ އިނާޔަތްތަކެއް ނުވަތަ އިންސެންޓިވްތަކެއް ތަޢާރަފުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިނިސްޓަރ ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މި މަހުގެ މެދުތެރޭގައި ބާއްވާ މި ފޯރަމަކީ ދެކުނުގެ ވިޔަފާރިވެރިންނަށާއި، މާލޭގައި މަސައްކަތްކުރާ އައްޑޫގެ ވިޔަފާރިވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

"އަޅުގަނޑުމެން މި ގަސްތުކުރަނީ މި މަހުގެ 14 އާއި 15 ގައި އައްޑޫގެ ވިޔަފާރިވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މި ފޯރަމް ކުރިއަށްގެންދަން،" މިނިސްޓަރ ވިދާޅުވިއެވެ.

މި ފޯރަމްގައި އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތުގެ އިތުރުން، ޒަމާނީ ފަންނިއްޔާތާއި މަސައްކަތްތެރިކަމާ ގުޅޭ މުހިންމު ސެޝަންތަކެއް ކުރިއަށްދާނެއެވެ. މި ކަންކަމުގައި މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމަކީ އަތޮޅުތަކުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ލޯކަލް ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް ދައްކާލުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު