މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މާލޭގެ ގަލޮޅު ސަހަރާގައި މިހާރު ހިންގަމުންދާ މޯޗަރީ ހުޅުމާލޭ ސަހަރާ މިސްކިތް ހުންނަ ބިމަށް ބަދަލުކޮށް، އެތަނުގައި އާ އިމާރާތެއް ބިނާކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ގަލޮޅު މޯޗަރީ ރީލޮކޭޓް ކުރުމަށްޓަކައި ހުޅުމާލޭ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އާ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ކޮށްދޭނެ ގާބިލު ފަރާތެއް ބޭނުންވާ ކަމަށެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާގެ ހޯލުގައެވެ. އަދި މަސައްކަތަށް އަގު ހުށަހެޅުން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައި ސިޓީ ކައުންސިލު ހޯލުގައެވެ.

ކައުންސިލުން ބުނީ، މައުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށެވެ. މި މަސައްކަތުގެ ބިޑުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ފަރާތްތަކަށް އެކަނި ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ގަލޮޅު ސަހަރާގައި މޯޗަރީގެ ހިދުމަތް ދޭން ފަށާފައިވަނީ 1975 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އެތަން ހުޅުވީ އެންމެ ދެ ހަށިގަނޑު ބޭއްވޭވަރުގެ ކުޑަ ޖާގައަކާއެކު ކަމަށްވީ ނަމަވެސް، މިހާރު އެތަނުގައި އެއްފަހަރާ ހަ ހަށިގަނޑު ބޭއްވުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ހުޅުމާލޭ ސަހަރާ މިސްކިތް ހުންނަ ބިމަށް މޯޗަރީ ބަދަލުކުރަން ނިންމީ، އެތަނުގެ ކެޕޭސިޓީ އިތުރުކޮށް، މިހާރަށްވުރެ ޖާގަ ތަނަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު