ބަންޑާރަނައިބު އަޙުމަދު އުޝާމް - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބަންޑާރަނައިބު އަޙުމަދު އުޝާމް - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، އެ މައްސަލަ ބައިނަލްއަޤުވާމީ ވަކީލުންނާ ހަވާލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަންޑާރަނައިބު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ހަވާލު ކުރަށްއްވާފައި ކަމަށެވެ.

އެ މަސައްކަތުގެ ދަށުން، ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުން ހިމެނޭހެން ތައްޔާރުކުރި ރިޕޯޓެއް ކެބިނެޓަށް ހުށަހަޅައި، ކެބިނެޓުގެ ރިކޮމެންޑޭޝަން ރިޕޯޓެއް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. "އެ ރިކޮމެންޑޭޝަނާ އެއްގޮތަށް ނިންމުންތަކެއް ވެސް އެބަހުރި. އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި އިންޓަނޭޝަނަލް ބައެއް ލޯޔާސް އަދި ތަޖުރިބާކާރުންނާ އެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި މިހާރު މިތިބީ،" އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ، މި މައްސަލައިގައި އަމަލުކުރާނެ ގޮތުގެ އިތުރު ތަފްސީލު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވައި، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދަކީ ދޫކޮށްލި ބައިވެސް ހިމެނޭ ގޮތަށް ކަމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސް ވިދާޅުވީ، ޗާގޯސްއަކީ ދިވެހި މަސްވެރިން ޒަމާނުއްސުރެ މަހަށް ގޮސް އުޅޭ ސަރަހައްދެކެވެ. އަދި ނިމިދިޔަ ސަރުކާރުން އަމަލުކުރި ގޮތުން އިޓްލޮސްއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ނިންމި ނިންމުން ބަދަލުކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި "ކޮމިޝަން އޮފް އިންކުއަރީ" އެއް އުފައްދަވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު