އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އީމާ ޝަފީގު
އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އީމާ ޝަފީގު
އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ޒުވާނުންގެ ނިސްބަތް މަދުވެ، ޕާޓީގެ ތެރޭގައި އޮތް ޖީލުތަކުގެ މެދުގައިވާ ފަރަގު ނުވަތަ "ޖެނެރޭޝަނަލް ގެޕް" ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން އެމްޑީޕީ އަންހެނުންގެ ރޫހުގެ ނައިބު ރައީސް އީމާ ޝަފީގު ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އީމާ ވިދާޅުވީ، ޕާޓީގެ 50,000 މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ އެންމެ 18 އިންސައްތަ ކަމަށެވެ.

މިއީ ޕާޓީގެ ކުރިމަގަށް އޮތް ގޮންޖެހުމެއްކަން ފާހަގަކުރައްވައި، އީމާ ވިދާޅުވީ ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޕާޓީއަށް އާ ދިރުމެއް ގެނައުމަށް މީކާއީލް ފަދަ ޒުވާން ލީޑަރެއްގެ މުހިންމުކަން ބޮޑު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ ސަތޭކައެއްހާ ރަށަށް ކުރެއްވި ދަތުރުތަކަށް އަލިއަޅުވާލައްވަމުން އީމާ ވިދާޅުވީ، ރަށްރަށުން ފެނިގެންދިޔައީ އާ ޒުވާން ޖީލެއް ލީޑަރުންނަށް ވާން އާ ޖޯޝެއްގައި ތައްޔާރަށް ތިބި މަންޒަރު ކަމަށެވެ.

އަދި އެ ޒުވާނުންގެ އިތުބާރު ޕާޓީއަށް ހޯދައިދީ، ޒުވާނުންގެ އަޑު ޕާޓީގެ އިސް ސަފުގައި އިއްވޭނީ މީކާއީލް ޗެއަރޕަރސަން ކަމަށް ހޮވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލްގެ ކެމްޕޭނަށް ތާއީދު އިތުރުވަމުންދާއިރު، އީމާ ވަނީ ޕާޓީގެ މުސްތަގުބަލަށްޓަކައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ބޭނުންވާ މެންބަރުން މީކާއީލަށް ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު