"ކުއައޯ"  ގެ ވަށައިގެން، ސައިންސްގެ ގާނޫނުތަކާ ހިލާފު އާދަޔާ ހިލާފު ރިންގެއް
"ކުއައޯ" ގެ ވަށައިގެން، ސައިންސްގެ ގާނޫނުތަކާ ހިލާފު އާދަޔާ ހިލާފު ރިންގެއް
އިރުގެ ނިޒާމުގެ އެންމެ ބޭރު ހިސާބުގައި، ޕްލޫޓޯއަށްވުރެ ވެސް ދުރުގައި އޮންނަ ކުޑަ ގުރަހައެއް ކަމަށްވާ "ކުއައޯ" ގެ ވަށައިގެން، މިހާތަނަށް އެނގިފައިވާ ސައިންސްގެ ގާނޫނުތަކާ ފުށުއަރާ އާދަޔާ ހިލާފު ބުރެއް ނުވަތަ ރިންގެއް ފެނިފައިވާ ކަމަށް ފަލަކީ އިލްމުވެރިން ހާމަކޮށްފިއެވެ.

ފަލަކީ އިލްމުވެރިންނަށް ބޮޑު ސިހުމެއް ގެނުވި މި ހޯދުމުން އެނގުނު ގޮތުގައި، މި ރިންގު އުފެދިފައިވަނީ އެ ގުރަހައާ އާދަޔާ ހިލާފަށް ދުރުގައެވެ. އާންމު ގޮތެއްގައި ގުރަހައެއްގެ ވަށައިގެންވާ ހިލަތަކާއި ކުނިބުނިތައް ރިންގެއްގެ ސިފައިގައި ހުންނަނީ، އެ ގުރަހައެއްގެ ދަމާބާރުގެ ނުފޫޒު ވަކި މިންވަރަކަށް ފޯރާ ހިސާބުގައެވެ.

ނަމަވެސް، ކުއައޯގެ މި ރިންގު އުފެދިފައިވަނީ "ރޯޝް ލިމިޓް" ކަމަށް ބެލެވޭ ސައިންސްގެ މިންގަނޑަށްވުރެ ދެގުނަ ބޭރުގައެވެ. ސައިންސްގެ ތިއަރީތައް ބުނާ ގޮތުން، އެ ހިސާބުގައި ހުންނަ ކުދި ހިލަތައް އެކުވެގެން އުފެދެން ޖެހޭނީ ހަނދެކެވެ. އެހެންކަމުން، އެ ސަރަހައްދުގައި ރިންގެއްގެ ސިފައިގައި އެތަކެތި ހުރުމަކީ މިހާތަނަށް ސައިންސްވެރިން ގަބޫލުކުރަމުން އައި އުސޫލުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ "ޗިއޮޕްސް" ޓެލެސްކޯޕް ބޭނުންކޮށްގެން ހޯދި މި ހޯދުމަކީ، ދުރުގައި ހުރި ތަރިއެއްގެ ކުރިމަތިން ކުއައޯ ހުރަސްކުރި ވަގުތު އެ ތަރީގެ އަލި ފަނޑުވެގެންދިޔަ ގޮތް ދިރާސާކޮށްގެން ހޯދި ހޯދުމެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، ކުއައޯގެ ވަށައިގެންވަނީ ތުނި ނަމަވެސް ވަރަށް ސާފުކޮށް އެނގެން އޮތް ބުރެކެވެ.

ގާތްގަނޑަކަށް 700 މޭލުގެ ފުޅާމިން ހުންނަ، ގަނޑުފެނުގެ ސަﻄަހައެއް އެކުލެވޭ ކުއައޯއިން ފެނުނު މި އާދަޔާ ހިލާފު ކަންތަކާ ގުޅިގެން، އިރުގެ ނިޒާމުގެ އެންމެ ބޭރުގައިވާ "ކައިޕާ ބެލްޓް" ގައި ހިމެނޭ ތަކެއްޗާ މެދު ސައިންސްވެރިން ދެކޭ ގޮތް ބަދަލުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ގުރަހަތަކުގެ ވަށައިގެން ރިންގު އުފެދޭ ގޮތާ ބެހޭގޮތުން އިތުރު ފުޅާ ދިރާސާތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް މާހިރުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު