ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވިސާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެ ޤައުމުގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން ވިސާގެ ދަތިތަކަށް އުންމީދީ ހައްލުތަކެއް ފެންނަން ފަށާފައިވާކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވައި، އެމީހުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވާފައެވެ.



ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުމާއި، ދިވެހި އުފެއްދުންތަކަށް އެ ޤައުމުގެ ބާޒާރުން ފުރުޞަތު ހޯދައިދިނުމުގެ އިތުރުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު