ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފް ފުލުހަށް ހާޒިރުކޮށްފިއެވެ. މި މައްސަލައިގައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމެވެ.

ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް އީޝާ ހާޒިރުކުރީ މިރޭ 9:00 ގައެވެ. ފުލުހުންގެ ތަހުގީގަށް އޭނާ ހާޒިރުކުރީ، "އަދަދު" ނޫހުގެ އެކްސް އެކައުންޓް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ގަޒްފުކޮށް 'އައިޝާ' ގެ ނަމުގައި ޝާއިއުކުރި ވީޑިއޯ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ ތަހުގީގަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ވަކީލު ޝަމީމް ވިދާޅުވީ، މި މައްސަލައިގައި އީޝާއަކީ ކުށްވެރިއަކަށްވުރެ ބޮޑަށް "ވިކްޓިމް" އެއް ނުވަތަ އަނިޔާ ލިބުނު ފަރާތެއް ކަމަށެވެ. އަދި މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަފްސީލު ހިމެނޭ ބަޔާނެއް ދިނުމަށް އީޝާ ބޭނުންވާތީ، އެ ބަޔާން ނެގުމަށް މާދަމާގެ ވަގުތެއް ހަމަޖައްސައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު މީޑިއާތަކަށް ތަފްސީލުކޮށް އެ މައުލޫމާތު ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ފުލުހުންގެ ތަހުޤީޤަށް ބޭނުންވާ އެހީތެރިކަމާއި އެެއްބާރުލުން ފުރިހަމަ އަށް ދޭން، އަދި ހުރިހާ ވާހަކަ އެއް ކިޔައިދޭން ބޭނުންވޭ މިކަން ހިނގާދިޔަ ގޮތާއި ފުލުހުން ތުހުމަތުކުރައްވާ ކޮންމެ ކަމެއް ފުލުހުންގެ ތަހުޤީޤަށް ފުރިހަމަ ބަޔާނެއް ތަފްސީލްތަކާއެކު ދިނުމަށް، ފޯނު ކޯލުތަކާއި މެސެޖްތަކާއި އެހެން ހުރިހާ ތަފްސީލްތަކާއެކު އެއްކޮށް ދޭން އަޅުގަނޑުގެ ކްލައިންޓް އެބަ ބޭނުންފުޅުވޭ، އެހެންވީމާ ވަގުތު އޮވެގެން ހަމަޖެހިގެން ހުރިހާ ބަޔާންތަށް ނެގުމުގެ ކަންތައްތަށް ދެން ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ،" ޝަމީމް ވިދާޅުވިއެވެ.

އީޝާގެ ގާނޫނީ ވަކީލު ޝަމީމް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި މިފަދަ ނޭދެވޭ އަމަލުތައް ހިނގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އެންމެހާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމަށާއި، މި ހާދިސާއާ ގުޅޭ ފުރިހަމަ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އާންމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ލިބިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ވަކީލު ޝަމީމް ވިދާޅުވިއެވެ.

ޑޮކިއުމަންޓްރީގެ މައްސަލައިގައި އީޝާގެ ޕާސްޕޯޓް ވެސް މީގެ ކުރިން ވަނީ ހިފަހައްޓާފައެވެެ.

މި މައްސަލައާ ގުޅިގެން، ފާއިތުވި މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައި ފާސްކޮށްފައެވެ.

މި ތަހުގީގަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ފަސް ތުހުމަތެއް ވަނީ ކުރެވިފައެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށުގެ އިތުރުން، ކުށެއް ކުރުމަށް ރޭވުމާއި އެކަމުގައި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގަށް އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުކުރުމަށްފަހު، މިހާރު ވަނީ އެ ބޭފުޅުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.

ރައީސް އޮފީހުގެ މުވައްޒަފަކާއެކު ކައިވެނިން ބޭރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަހަމަ ގުޅުންތަކެއް ހިންގި ކަމަށް ބުނާ ޑޮކިއުމަންޓްރީގައި ކުރި ތުހުމަތުތަށް އެމަނިކުފާނު މީގެ ކުރިން ވަނީ ދޮގުކުރަށްވާފައެވެ. ރައީސް ވަނީ އެމަނިކުފާނަށް ދޮގު ތުހުމަތުތަށް ކުރި ފަރާތްތަކާއި ދެކޮޅަށް ދަޢުވާ ކުރުމަށް ކަމާ ގުޅުންހުރި މުވައްސަސާތަކުގައި އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު