ޕީއެންްއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ-
ޕީއެންްއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ-
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އަމަލުތަކުގެ ސަބަބުން ޕާޓީގެ ނަން ކިލަނބުވަމުންދާ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުކުރާނަމަ އެ ކޮމިޝަނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ދީފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިން މިފަދަ އިންޒާރެއް ދީފައިވަނީ، އެ ޕާޓީން ބާއްވަމުންދާ ސިލްސިލާ އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އީސީން އިއްޔެ ނެރުނު ބަޔާނާ ގުޅިގެންނެވެ. އެ ބަޔާނަށް ރައްދުދީ ޕީއެންއެފް އިން މިއަދު ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ، އީސީގެ އެ ނިންމުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ، ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށެވެ.

ޕީއެންއެފްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އީސީން ތުހުމަތުކުރާ ފަދަ އެއްވެސް ޣައިރު ގާނޫނީ ސިޔާސީ ހަރަކާތެއް އެ ޕާޓީން ކުރިއަކަށް ނުގެންދެއެވެ. އަދި ސިޔާސީ ޕާޓީއަކުން މުޒާހަރާ ނުވަތަ އެއްވުމެއް ބާއްވަން ޖެހޭ ހާލަތެއްގައިވެސް، އެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް އެ ޕާޓީން ގަބޫލެއް ނުކުރެއެވެ.

ހަމައެހެންމެ، މާލޭގެ އާންމު ބިންތަކުގެ މައްޗަށް ބާރު ހިންގުމަކީ އީސީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ޕީއެންއެފުން ވަނީ އީސީގެ އިންޒާރުތަކަށް ގޮންޖަހައި، ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކުގެ ދިފާއުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު