މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ބޮޑުތަނުން އިތުރުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވަނީ ޑެންގޫގެ 374 ކޭސްއެވެ. ނަމަވެސް މިއަހަރުގެ މެއި 3، ގެ ނިޔަލަށް މުޅި ރާއްޖެއިން 2،459 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި މިމަހު އެކަނިވެސް ޑެންގޫގެ 116 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 75 ކޭސް ރިޕޯޓްކުރިއިރު މިއަހަރުގެ ޖެނުއަރީ މަހު އެކަނިވެސް 679 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔައަހަރު ފެބްރުއަރީ މަހު 87 ކޭސް ފެނުނު ނަމަވެސް މިއަހަރު އެ މަހު 428 ކޭސް ފެނިފައިވެއެވެ. މިދިޔަ އަހަރު މާޗްމަހު 76 ކޭސް ރިޕޯޓްކުރިއިރު މިއަހަރު އެ އަދަދު ވަނީ 601 އަށް އަރާފައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު 135 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު ރިޕޯޓްކޮށްފައިވަނީ 476 ކޭސްއެވެ.

ޑެންގޫގެ އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. ފާއިތުވި ދެ ހަފްތާއަށް ބަލާއިރު އެންމެ ގިނައިން ޑެންގޫގެ ބަލިމީހުން ފެނިފައިވަނީ ހދ. އަތޮޅުންނާއި ގދ އަތޮޅުންނެވެ. އެގޮތުން ހދ. އަތޮޅުން 83 ކޭސް އަދި ގދ. އަތޮޅުން 35 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ ފާއިތުވި ދެ ހަފްތާތެރޭގައި އެންމެ ގިނައިން ޑެންގީގެ ކޭސް ރިޕޯޓުކޮށްފައިވާ 10 ރަށުގެ ތަފާސްހިސާބު ވެސް އާންމުކޮށްފައެވެ. އެގޮތުން ހދ. ކުޅުދުއްފުށިން 62 ކޭސް، ށ. މިލަންދޫ އިން 17 ކޭސް، ގދ. ތިނަދޫ އިން 16 ކޭސް، މާލެއިން 15 ކޭސް، އދ. މާމިގިލިން 13 ކޭސް، ހދ. ފިނޭ އިން 10 ކޭސް، މ. މަޑުއްވަރިން 10 ކޭސް، ކ. މާފުށިން 10 ކޭސް، ކ. ތުލުސްދޫން 8 ކޭސް އަދި ގދ. ގައްދޫ އިން 8 ކޭހެކެވެ.



ޑެންގޫ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ރޯގާގެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޑެންގޫއަކީ އީޑީޒް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މީގެ މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާ އެވެ. މި ބަލި ޖެހުމުން ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މޭނުބައިކުރުން ފަދަ އަލާމާތްތައް ފެންނައިރު، ބައެއް ހާލަތްތަކުގައި ނޭވާލާން އުނދަގޫވެ އެތެރެހަށިން ލޭ އައުން ފަދަ ނުރައްކާތެރި ކަންކަން ކުރިމަތިވެއެވެ. އާންމުކޮށް މަދިރި ހަފާތާ 4 ނުވަތަ 5 ދުވަސް ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާއިރު، ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެ އެވެ.



ކިޔުންތެރިންގެ ހިޔާލު